މަރުކާރު ދަނޑުވެރިކަން Urban agriculture
ތޮއްޖެހިފައިވާ ސިޓީ ނުވަތަ ރަށްރަށުގައި ގޯތި އާއި ދަނޑުތަކެއް ނުލިބެއެވެ. މަރުކާރުވެހިން ހިޔާރު ކުރަންވީ އެހެން ހިޔާލެކެވެ. ކުދި ޖާގާއިގައި، އަގުހެޔޮކޮށް، ލިބިހުރި ވަސީލަތުން ދެކޮޅުޖެއްސޭ، ދަނޑުވެރި ބަގީޗާ ފަރުމާ ކުރުމަށުވެ. ހިތްފަސޭހަވެ ވައި ސާފުވެ ސިކުނޑިއަށް ބާރުދޭ ގަސްއިންދާ، މަރުކާރުވެށި ފެހި ކޮއްލުމަށެވެ.
މަރުކާރު ބަގީޗާ ހެއްދުމަކީ ސިޓީ ތަކުގެ ތެރޭގައި ކުރާ ދަނޑުވެރިިކަމުގެ ވައްތަރުތަކެވެ. މަރުކާރުވެހިންނަށް މިކަމުން، ކާނާގެ ރައްކާތެރިކަމާއި އިޖްތިމާއީ އަދި އިގްތިސޯދީ ފައިދާތައް ގިނަގުނައިން ހޯދައެވެ. ގަސް ހައްދާ، އޭގެން ކާނާ ތައްޔާރުކޮށް، ބަންދުކޮށް އެތަކެތި މަރުކާރުވެހިން ނާ ހަމައަށް ގެންގޮސްދޭ ވިޔަފާރި ވިޔުގާ ތަކެކެވެ. ދުނިޔޭގެ ގިނަ ސިޓީ ތަކުގައި ކާނާގެ ރައްކާތެރިކަން ހޯދުމަށްޓަކައި ގެރި ބަކަރި، ކުކުޅު ހާ ގެންގުޅުމާއި، ރުއްގަސް އިންދުމާއި، ކަނޑުރޯދި، ފެނުގައި ހެދޭގަސް އާލާ ކުރުމާއި، ސިޓީގައި ކުޅަނދުރު ގެންގުޅުން ފަދަ ކަންކަން އާންމުންގެ ތެރޭގައި ފޯރިއާއެއްކޮށް ކުރަމުންދެއެވެ.
މިތަންތަނަކީ އާންމުން ބައިވެރިކޮށްގެން ރާވާ ހިންގިދާނެ ތަންތަނެވެ. ދެމެހެއްޓެނިވި އުސޫލަކުން ބަގީޗާތައް ހިންގުމަށްޓަކައި ފީއެއް ހަމަޖެއްސިދާނެއެވެ. މިގޮތަށް ދަނޑުވެރި ޖާގައަށް ސިޓީގެ ދޮރުތައްހުޅުވާލުމުން މިނިވަން ފަންނާއި ހުނަރުވެރި އީޖާދުތައް ފެނިގެން ދާނެއެވެ. މަރުކާރުވެހިންނަށް ސިޓީގެ ވެށި ބިނާކުރުމުގެ އިހުތިޔާރު ލިބޭނެއެވެ.
މިބާވަތުގެ ދަނޑުވެރިކަމަށް ގިނަ މީހުން އަހުލުވެރިވުމުން، ސިޓީގެ ކުލަގަދަ ސަގާފަތް ވިދަން ފަށާ އިތުރު ފަންނުތަކާއި މަސައްކަތްތަކަށް އުފަންވެއެވެ. މީހުންގެ ތެރޭގައި އަހުވަންތަކާމާއި ދުޅަހެޔޮ ވާދަވެރިކަމެއް؛ މާރުކޭޓާއި މުބާރަތްތައް މެދުވެރިކޮށް އުފެދެއެވެ.







ކ. ވިލިގިލީގެ ކޮށި ތަކުތެރޭވާ އާންމު ބިންތަކުގައި އާންމުން އަމިއްލަގޮތަކަށް ބިން ބަހައި ރޭވިގެން ބަގީޗާ ހައްދާ އޭގެން އުފާ ހޯދާތަން ފެނެއެވެ.
މަރުކާރު ބަގީޗާ / ގޭދޮށު ބަގީޗާ / އެންމެންގެ ބަގީޗާ / އަވަށު ބަގީޗާ Community garden / Urban garden
މިކަހަލަ ބަގީޗާ ތައް އާންމުކޮށް ހުންނަނީ މީހުން އުޅޭ ގޭތަކުތެރޭގައި ހުންނަ ހުސް ޖާގައިގައި، ގިނަ ދުވަހު ބޭނުންނުކޮށް ފަޅަށް ހުންނަ ބިންތަކުގައެވެ. ސަރުކާރުން ނޫނީ އަމިއްލަ ފަރާތްތަކުން ކުއްޔައް/ ދެފަރާތައް ފައިދާވާ އެއްބަސްވުމެއްގެ މަތިން މިބިންތައް ދޫކުރެއެވެ. މިބާވަތުގެ ބަގީޗާ ތަކަކީ ކޮންމެހެން މާބޮޑު ބިމެއްގައި ނޫނަސް ކުރެވިދާނެ ދަނޑުވެރިކަމެކެވެ.
ފުލެޓް ނުވަތަ ރޯ ހައުސް ބަގީޗާ
ފުލެޓެއް ނުވަތަ ރޯހައުސް ހުންން ހިސާބުތަކުގައި ހުންނަ ހުސް ޖާގަ ފުރިހަމައަށް ބޭނުންކުރުމުގު ގޮތުން އެތާނގެ ވެޒަންވެރިންނަށް ހޯދާ ދެވޭ ފުރުސަތެކެވެ. ޖާގައިގެ ތަނަވަސްކަން ހުރި ވަރަކުން ކުއްޔަށް ނުވަތަ ތާވަލަކަށް ފުރުސަތު ދެވިދާނެއެވެ.
ގޭދޮށު ބަގީޗާ
ގޭދޮށުގައި ދަނޑުވެރިކަމަށް ހުސް ކުރެވޭ ޖާގައެކެވެ. ހިސާބެއްގެ އާންމުންނަށް ހުޅުވާލެވިފާ، އަވަށުގެ ކޮއްޓެއް ނުވަތަ ހުސް ބިމެއްގައި ގުރޫފު ހަދައިގެން، އެބައެއްގެ ޖާގަ އެބައެއް ބަލަހައްޓާ ގޮތައް ނޫނީ އެންމެން އެއްކޮށް ކުރެވޭ ދަނޑުވެރިކަމެކެވެ. ކާބޯތަކެތި، މާމެލާމެލި އަދި ސިޓީ ގެ އިޖްތިމާއި އާންމު ހާލަތު ރަނގަޅު ކުރުމަށް ބޮޑެތި ގަސް އިންދާ ޕާރކުތައް ހެއްދުން ފަދަ އަވައްޓެރިންނާއި ވެށީގެ އެންމެހާ ދިރުމަށް ސީދާ ނުވަތަ ނުސީދާ ލުއެއް ލިއްބާ ކަންކަން ހިމެނެއެވެ.



މަރުކާރު ކަށި ޖެހުން Urban acupuncture





“މަރުކާރު ކަށި ޖެހުން” މި އިބާރާތް ތައާރަފް ކުރީ ބަރސެލޯނާގެ މަރުކާރުވެރި އަދި ބިނާވެށި ފަރުމާކުރުންތެރިޔާ މެނުއަލް ޑެ ސޮލާ މޮރާލްސް އެވެ. އަދި އޭގެ ފަހުން ފިންލޭންޑްގެ ބިނާވެށި ފަރުމާކުރުންތެރިޔާ އަދި އިޖުތިމާއި ފަލްސަފާވެރިޔާ މާރކޯ ކަސަގްރާންޑް މި ފިކުރު ފުޅާކޮށް މާ ފޮޅުވިއެވެ. މި ފިކުރުގެ އަސާސީ މިސްރާބަކީ؛ މަރުކާރުވެތި ސަރަހައްދުތަކުގައި އަޅާ ބޮޑެތި ހަރަދުބޮޑު މަޝްރޫއުތައް ހެދުމުން ދުރުވެ، ކުދި އަމިއްލަވަންތަ އިޖުތިމާއީ ބައިވެރިވުން އިތުރުވާ މަޝްރޫއުތަކާއި ދިމާލަށް ޖެހުމަށެވެ. ކަންކަން ފަހިވުމަށް އަލި މަގެއް ފެނިފައި ނުވާ، މާބޮޑު ތަނަވަސްކަމެއްނެތް ބައިބޯ ހިސާބުތަކުގައި، ތޮއްޖެހުމުގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކަށް، ގިނަ މީހުންގެ ހިއްސާވާ ގޮތަކަށް ލުއެއް ހޯދަން ބިނާވެށި ބަދަލުކުރުމެވެ. އަގު ބޮޑުކޮށް އިދާރާތަކުންނާއި ރަށު އޮފީސް ކައުންސިލްތަކުން ހިންގާ ހިންގުންތަކާ އިދިކޮޅަށް، ފަސޭހައިން އެ މާހައުލަކުން ލިބޭ ތަކެތިން އެ މާހައުލެއްގައި އުޅޭ ބަޔެއްގެ އަމަލީ މަސައްކަތުން ތަންތަން ހަދާ ފައިދާ ހޯދުމެވެ. މި ފިކުރުގައި ސިޓީ މާނަ ކުރާނީ ކުޅަދާނަ ދިރުންވާ އެއްޗެއްގެ ގޮތަށެވެ. އަދި އޭގެ އެތެރޭން އެކި ފަށަލަތަކަށް ދިރުމުގެ ހަކަތަ ދައުރުކުރެއެވެ. ސިޓީގެ ކުރިއެރުމާ އެ ސިޓީއެއްގެ މީހުން އުޅޭގޮތް ގުޅިފައިވަނީ ލޮލަށް ނުފެންނަ ދިރުމުގެ ހަކަތައާއިއެވެ. އެހެންކަމުން ތިމާވެށި ހިމާޔަތްކުރުމުގެ އިލްމާއި މަރުކާރުވެށި ފަރުމާކުރުމުގެ ފަންނާއި މަސްހުނިކުރުމުން މިބުނާ ދިރުމުގެ ހަކަތަ، ހިންގަން ފުރުސަތުލިބެއެވެ. ނަތީޖާއެއްގެ ގޮތުން ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ގޮތަކަށް ތަރައްގީ ކުރެވޭ 3 ވަނަ ދަރިކޮޅުގެ ސީޓީ (ފަނާކުރަނިވި ތަރައްގީގެ ޒަމާނަށްފަހު އަންނަ ސިޓީ) އުފެދެއެވެ.
މާރކޮ ކަސަގްރާންޑް ގެ ޓެޑް ޓޯކް ވިޑިއޯ
ސިޓީއެއްގައި ދިރިއުޅުން މީ ގުދުރަތާ ދިރުމާ ދުރުން، ގަހެއް މަލެއްގައި ވަސްނުގަނެ އުޅުން ކަމުގައި ވަނީނަމަ ސިޓީގެ ދިރުމުގެ ރޫހު ކަމުގައި ވާ އިންސާނާ- ބިނާވެއްޓާ އޮންނަ ގުޅުން ކުޑަވެ އިންސާނާ އާ ޖަމާއަތުގެ ގުޅުމަށާ އުޅުމަށް ނޭދެވޭ ބަދަލު އާދެއެވެ. މަރުކާރުވެށި ވާންވާނީ ވައި ސާފު ފެހި، އެންމެގެ އަސާސީ ބޭނުންތަކަށް ޖާގަ ދޭ ވެއްޓަކަށެވެ. ފަގީރު ނަމަވެސް މުއްސަނދި މަރުކަވެރި ހަޔާތަކަށް ތަންދޭ ތަނަކަށެވެ.
ދުނިޔޭގެ ސަގާފަތް ދެއޮޅު ވެ ސިޓީ ތަކަށް އިންގިލާބީ ފިކުރުތައް ފެތުރެއެވެ. ދިވެހިންގެ ތެރޭގައިވެސް ތިމާވެށި ރައްކާކޮށް، ޖައްވާއި ވެށި ފަނާ ކުރަނިވި ތަރައްގީގެ ސުންޕާ ގޮތްތަކަށް ނޫނެކޭ ބުނެފިއެވެ.
ދުނިޔޭގެ އެތަން މިތާންގައި ފަންނީ މާހިރުންނާއި، ހިލޭސާބަހަށް މަސައްކަތްކުރާ މީހުންނާ، އާންމު އެއްވެގެން، މަރުކާރު ކަށި ހަރަމުން ސިޓީގެ ވައި ސާފު ކުރަމުން ދެއެވެ. މަރުކާރު ކަށި ހެރުމުގައި ބަލަނީ އަޅާނުލާ ހުންނަ ތަންތަން ދިރުވާ، ފުދުންތެރިކަން އިތުރުކޮށ،ް ވަގުތާއި ތަނުގެ ބޭނުން ހެޔޮގޮތުގައި ކުރެވޭނެ ގޮތްތަކަށެވެ. މިއީ ބައެއް ހާލަތުގައި ވަގުތީ ހައްލެއްނަމަވެސް އެ ޖަމާއަތަކަށް އަވަސް އެހީ އެކެވެ. ތަރައްގީގެ މަގުގައި މިކަހަލަ ކުދިކުދި ބަދަލު ގެނައުމުން އިޖުތިމާއި ގުޅުންތައް ފޯދި އާރޯ ވެއެވެ. އަދި މަޖުތަމައުގެ ހިންގުންތެރިކަން އިތުރުވެ ފަރުދުން ބާކީނުވެ ބާރުވެރިވެއެވެ.
Guerrilla gardening ގެރިއްލާ ބަގީޗާހެއްދުން
މިއީ ހުއްދައަކާ ނުލާ ކުރާ ރިސްކު(ހިރާސް) ބޮޑު، ފާޑެއްގެ ބަގީޗާ ހެއްދުމެކެވެ. މި ފިކުރަކީ: ހިމޭން މުޒާހަރާއެހެން، އަނިޔާ އާ ގަދަބާރު ދެއްކުމަކާ ނުލާ ކުރެވޭ، ވެށިހިމާޔަތް ކުރުމުގެ އިންގިލާބުން ފެޅި ކުރިއެކެވެ. 1970 ގެ އަހަރުތަކުގެ ތެރޭގައި ތައާރަފް ވި ލަފުޒެކެވެ. ނިއު ޔޯކް ގައި 1970 ގައި އުޅުނު ލިޒް ކްރިސްޓީ ނަމަކަށް ކިޔާ އަންހެނެއް އޭނާގެ އެކުވެރި ޖަމިއްޔާ “ގްރީން ގެރިއްލާ” އާއި އެއްކޮށްް އޭނާގެ ސިޓީގައި އަޅާނުލާއޮތް އޮތް އާންމު ބިމެއް- އަރާމު ބަގީޗާ އަކަށް ބަދަލު ކޮއްލިއެވެ. އެ ބަގީޗާ އަދިއަދާ ޖެހެން ދެން ވެސް، ހިލޭ ސާބަހަށް މަސައްކަތްކުރާ މީހުންގެ އެހީގައި އާންމުންނަށް ހުޅުވާފައި ހުރެއެވެ. މިހާރު އެ ބަގީޗާ ވަނީ ސަރުކާރުން ބަލައިގަނެ އެސިޓީ އިން ހިމާޔަތް ކުރާ ތަނެއްގެ ގޮތުގައެވެ.
ގެރިއްލާ ދަނޑުވެރިންގެ އަމާޒަކީ އަޅާނުލާ ހުންނަ ތަންތަން ދިރުވާ އާރޯކޮށް އާންމުންނަށާއި ސަރުކާރަށް އެމީހުންގެ މެސެޖެއް ފޮނުވުމެވެ. މަދަނީ ބަސްނޭހުމުގެ ގޮތުގައި- އެކި ކަހަލަ ބިމާ ގުޅޭ ހައްގު ހޯދުމަށް ކުރާ މަސައްކަތުގެ މުޒާހަރާގެ ގޮތުގައިވެސް މިކަން ކުރެއެވެ. ގަސް އިންދާކަށް ވަކި ތަނެއް ނޯވެއެވެ. އެމީހަކަށް އެއީ ގަހެއް އިންދައިގެން ކޮންމެވެސް ފައިދާއެއް ކޮއްފާނެކަމަށް ފެންނަންޔާއި އިންދަން ވީއެވެ. މިއީ އިން ވަކި ނުކުރެވޭ ދަނޑުވެރިކަމެކެވެ. ގެރިއްލާ ހަރަކާތްތައް ރޭގަނޑުގެ އަނދިރީގައި ނުވަތަ ދުވާލު ގިނަ މީހުންނަށް ފެންނާނޭހެންވެސް ކުރެއެވެ.
މާލެއަށް ބަލައިލައިފިނަމަ ހުސް ޖާގަ އާއި ބޭނުންނުކޮށް ހަދާނެ ގޮތެއް ނޭންގިފައިވާ އެތަށް ބިން/ ހުސް ޖާގަ ފެނެއެވެ.


International Sunflower Guerrilla Gardening Day
ބައިނައްލަގްވާމީ ސަންފްލާވާރ ގެރިއްލާ ބަގީޗާ ހެއްދުމުގެ ދުވަސް
ކޮންމެ މެއި މަހެއްގެ ފުރަތަމަ ދުވަސް ގެރިއްލާ ބަގީޗާ ހައްދާ މީހުން ފާހަގަ ކުރަނީ ސަންފްލާވާރ އޮށެއް ނުވަތަ ގަހެއް އިންދައިގެންނެވެ. އާންމުކޮށް ގަސްތައް އިންދަނީ މަގުމަތީގައި، ބޮޑެތި ގަސް އިންދާފައި ހުންނަ ގަސްގަހުގެ ވަށައިން ،ގޭދޮށުގައި ހުންނަ ކުދި ޖާގައިގައްޔާއި ސިޓީ ތެރޭގައި ގޮނޑުވާން ދޫކޮއްލެވިފައި ހުންނަ ތަންތަނުގައެވެ.



Adam Purple and The Garden of Eden
އެޑަމް ޕާރޕްލް އާއި ސުވަރުގޭގެ ގުލްޝަން







އެމެރިކާގެ މެންހަޓަންގެ ފަގީރު ހިސާބުގަނޑެއްގައި އުޅުން ޑޭވިޑް ލޮއިޑް ވިލްކީ ނުވަތަ އެޑަމް ޕާރޕްލް ކިޔާ މީހަކު އަވައްޓެރީންނާއެކު އިންދި ބަގީޗާ އެކެވެ. އެ ބަގީޗާ ދެމިއޮތީ 1975-1986 އަށެވެ. އެބަގީޗާ އަކީ މީހުންގެ ތެރޭގައި މަގުބޫލު ‘އާރތް ވާރކް’ އެކެވެ. ބުރު ބުރަށް އަތުރާލާ ފަޅުފިލުވައިފައިވާ ގަސްތައް ވެގެން ދިޔައީ މިނިވަންކަން ދައްކުވައިދޭ އިންގިލާބީ މަސައްކަތަކަށެވެ.
1980ގައި ނިއު ޔޯކްގެ ކައުންސިލުން އެ ބަގީޗާ ހަލާކުކޮށް ގެދޮރު/ފްލެޓް އަޅަން ނިންމުމާއެކު ވަރަށް ގިނަ ދުވަހު މީހުން މުޒާހަރާ ކުރުމުންވެސް ވަނީ 1986ގައި އެތަން ރޫޅާލާ މަރުކާރުވެހިން ދެރަ ކޮއްލާފައެވެ.
އެޑަމް ޕާރފްލް އާއި އެ ސުވަރުގޭގެ ގުލްޝަންގެ ހަނދާނުގައި ހާރވީ ވޭންގް އޭރު ނަގާފައިވާ ފޮޓޯ ތަކުގެ މައުރަޒެއް ނިއުޔޯކްގައި 2011ގައި ވަނީބާއްވާފައެވެ. މަރުކާރު ވެހިންނަށް މިފަދަ ޖާގަ ތަކަކީ ވަރަށް މުހިއްމު އަސާސީ ބޭނުންތަކެއް ފުއްދޭ ތަންތަނެވެ.
I said at the time, and I still feel it: it would have been better to kill me and leave the garden. Well… that’s the way I view it.
Adam Purple
GuerrillaGardening.org

މިއީ އިނގިރޭސިވިލާތުން އުފަންވި ބްލޮގެކެވެ. ރިޗަޑް ރޭނޮލްޑްސް ކިޔާ ދެކުނު ލަންޑަންގެ ގަސްއިންދާ ހައްދާ މީހެއް، އޭނާ ދިރިއުޅެމުންދާ ގޭދޮށު ސަރަހައްދު ޒީންނަތްތެރި ކުރަން ކުރި މަސައްކަތުގައި ހުރި އުނދަގޫތައް ފާޅުކުރަން ލިޔަން ފެށި ބްލޮގް އެކެވެ. އޭނާގެ އަޑުއިވި، އޭނާ ފަދަ، ދުރާއި ގާތުގައި އުޅޭ ގަސް ހައްދާ މީހުންނާ ނޫސްތައް އެ މަސައްކަތްބަލައިގަނެ ތަރުހީބުދީ ގިނަ ބަޔަކަށް އޭނާ ކަމުދިޔައެވެ. އޭނާގެ ކަންކަން ބަލާ ވަރަށް ގިނަ މީހުނަށް އަޒުމު ވަރުގަދަވެ އަމަލު ކުރަން ފެށިއެވެ. ތަފާތު ގުރޫޕު ތަކާއި އެކު އަމަލީ ގޮތުން ގެރިއްލާ ބަގީޗާ ހެއްދުމުގައި؛ ލިބިޔާ، ބާރލިން، އަދި މޮންޓްރިއާލް ގައިވެސް ރިޗަޑް ރޭނޮލްޑްސް ހަރަކާތްތެރިވެއެވެ.
މިއަދު އޭނާގެ ބްލޮގުން މިކަން ކުރަން ފަސޭހަވާނޭ ފިލާވަޅުތަކާއި، އިރުށާދު ތަކާ، ދުނިޔޭގެ އެކި ތަންތާންގައި ތިބި ފަހުލަވާނުންނާއި އާރުކާޓީ ބިޔަ ކުރުމަށް އެހީވާ އިތުރު ލިންކުތަކާއި ވިޔުގާތައް އެ ބްލޮގްގައި ވެއެވެ.
މާލެ، ލޮނުޒިޔާރަތްކޮޅު، ރާޅުގަނޑު.
އަހަރުތަކުގެ ތެރެއިން– އެތައް ފަހަރަކު ރޫޅާލެވި ހަލާކުކޮއްލެވި، ފުލުހުން ޖޯލިފަތިތަށް ގެންގޮސް ތިބުން މަނާ ކޮއްފައިވާ ސިޔާސީ/އާންމުގެ/މަރުކާރުވެހިންގެ ތަނެކެވެ. ރާޅާއެޅުންތެރިންނަކީ ލޮނުޒިޔާރަތްކޮޅުގައި ވަރުނުލާ ރާޅުގަނޑަށް ބަލަން، ރާޅާ އަޅަން ގިނަ ވަގުތު ހޭދަކުރާ ކުދިބައެކެވެ. އެ ކުދިން އިސްނަގައިގެން، އެތަން ބަލަހައްޓާ، ރާއްޖޭގެ ގުދުރަތީ ގަސްގަހުން؛ ދިވެހި ރުއް، ކުރެދި މަގޫ، ބޯކެޔޮ އިން ހިއްކިބިމެއްގެ ސިފަ ނައްތާލާ، މާލޭގެ މަރުކާރު ފިތުމުގެ ނޭވާ ހާސްކަމަށް ކުޑަ ލުއެއްލިބި ލޮލަށް ތާޒާ ކަމާއި ބޮލަށް ފިނިކަން ގެނުވައެވެ. މިހާރު މިތަނަކީ އެންމެންނަށް ހުޅުވައިލެވިފައިވާ ދާއިމީ ހިތްފަސޭހަ މައިޒާނެކެވެ. ކުރިއާ ހިލާފަށް ސިޓީ ކައުންސިލުން މިތަނަށް ހިމާޔަތް ލިބެއެވެ. މިއީ މާލޭގެ ސަގާފީ ތަރިކައެވެ. ގެރިއްލާ ބަގީޗާގެ ހަރަކާތެކެވެ.





އަލްޖީ/ ފެހި ދިރުވުން Algae farms
ފެއްސަކީ އަވި ލިބޭގޮތަށް ތެތްފިނިކޮށް ހުންނަ ތަންތާގައްޔާއި ފެނުއަޑީގައި އުޅޭ ދިރުން ހުންނަ ، އިރުގެ ހަކަތައިން އޮކްސިޖަން އާ ކާނާ އުފެއްދޭ ބާރު ލިބިވާ އަލްޖީ އާއިލާގެ މެންބަރުންނެވެ. ފެހި ހިމެނޭ އާއިލާގައި ފެންވިނައާއި އެކި ސައިޒާއި ވައްތަރު ހުރެއެވެ. މާހައުލު ނަކަލްކޮށް އިންސާނުންގެ ބިނާ ވެށީގައިވެސް ލޮނު އަދި ފެނަށް ދިރޭ ބާވަތްތައް ވަރަށް ހަލުވިކޮށް ދިރި އާލާވެއެވެ.
މިޒަމާނުގައި ސިނާއީ ފެހިހާނާތަކުގައިޔާއި އެކިގޮތްގޮތަށް އެކި ތަންތަންގާއި ފެހި ދިރުވަނީ ތަފާތު ގިނަ ބޭނުންތަކަށެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ބޭނުންތައް:
ކޭން ބުއިމަށް ( ފެހިގައި އެކުލެވޭ އޮމެގާ-3 ސަރުބީ އާއި ފްރޮޓިން އަދި އިތުރު މާއްދާތައް).
ގުދުރަތީ ދެލި/ ކުލަ، ކާބޯތަކެއްތީގައި ރައްކާތެރި ގޮތަކަށް ކުލަ ޖައްސުވަން.
ގަހުކާނާ / ފެހިކާނާ ތައްޔާރުކުރަން
ބޭސްވެރިކަމަށް
ފެހިން އުފައްދާ ހަކަތަ
ވައި ސާފުކުރުމަށް
www.ecologicstudio.com
އިނގިރޭސިވިލާތުން އުފަންވި މި ޖަމާއަތަކީ ބިނާވެށި ފަރުމާކުރުމުގައި ތިމާވެއްޓަށް ހާއްސަކަމެއް ދީގެން ، މަރުކާރު ފުދުންތެރިކަމަށް ބަލައިގެން ، ގުދުރަތަށް ފުރަގަސް ނުދީ، ލާމެހޭނޭ ގޮތްތައް ތަހުލީލުކޮށްގެން ސައިންސުގެ އެހީގައި ހިޔާވެހިތައް ވުޖޫދު ކުރާ ބައެކެވެ. އިކޮލޮޖިކްސްޓޫޑިއޯއިން ވަނީ ފާޑުފާޑުގެ ފެހިން އެކި ނަމޫނާތަކަށް އިމާރާތާ ގުޅޭ ބައިބައި ފަރުމާކޮށް ހަދާފައެވެ.
މި ކުންފުނިން ހެދި؛ ފެހި ދިރުންވާ ފަރުދާއިން ސިޓީގެ ވައި ސާފުކުރެއެވެ. އަދި އިމާރާތް ނިވާ ކޮއްދެއެވެ. މި ފަރުދާ ފަރުމާކޮއްފައިވަނީ އޭގެ ފުލުން މަރުކާރުވައި ވަދެ ބޮކި ޖަހާފައި މައްޗައް އަރައިގެންދާއިރު، ފެނުގައި އުޅޭ ފެހިތައް، ނުސާފު ވައި ހައްޔަރުކޮށް ކާނާއަށް ހަދާ، ފެހި އާލާވެ އޮކްސިޖަން/ސާފުވައި ފަރުދާގެ މަތިން މަރުކާރުވެއްޓަށް ދޫކޮއްލައެވެ. ދުވާލުގެ އަލިން ކާނާ ކައިގެން ރޭގަނޑަށް މިސޮރުމެން ތިބެނީ ރެދަންލާ ވިދާ ބަބުޅާލަ ބަބުޅާލައެވެ.






ލޮޓަސް ފަތެއް، ގުދުރަތީވެށީގެ ރެފިއުޖީންނަށް ފެންމަތީގައި ދިރޭ ބިނާވެއްޓެއް
މޫސުމަށް ކުރާ ނޭދެވޭ އަސަރުން ކަނޑުގެ ލޮނުގަނޑުބޮޑުވެ ތިރި ޖަޒީރާ ރަށްތަކަށް ހިތައްވެސް ނުގެނޭވެފަދަ ދެރަގޮތްތައް މެދުވެރިވެދާނެއެވެ.
ބިނާވެށި އަދި މަރުކާރު ފަރުމާކުރުމަށް ކުޅަދާނަ ބެލްޖިއަމް އަށް އުފަން ވިންސެންޓް ކެލިބަޓް މިކަމާއި މެދު ވިސްނާ ބުއްދިހިންގާ ހިޔާލުކޮއް މަރުކާރު ހިޔާލީ ވެއްޓެއް ” ލޮޓަސް ފަތެއް، ގުދުރަތީވެށީގެ ރެފިއުޖީންނަށް ފެންމަތީގައި ދިރޭ ބިނާވެއްޓެއް” މިނަމުގައި ކުރެހިއެވެ.
މިއީ 50000 މީހުންނަށް ފުދިގެންއުޅެވޭ ތަހުޒީބީ މާރަށެކެވެ. ކަނޑުގެ ދިރުމާއި އެކުލާނެ އެހެނިހެން ދިރުމަށް ރަސްކަންދީގެން، ހާލުގައިޖެހިފައިވާ އިންސާނުންނާ އެހެން ދިރުމަށް، ވާގިދޭ ކުރެހުމެކެވެ.
މި ދިރޭ ބިނާވެށިން އިޔާދަކުރަނިވި ހަކަތަ ކަނޑުންނާ ވައިންނާ އިރުން ނެގޭނެ ގޮތްތައް ދައްކުވައެވެ.
އޭނާގެ ފަރުމާގެ މައިގަނޑަކީ މޫސުން، ދިރޭތަކެތި، ފެން އަދި ސިއްހަތަށެވެ. މަންޒިލަކީ މިކުރެހުން ވުޖޫދަށް ގެނައުމެވެ.
ތިރީގައި މިވާ ހުރިހާ ފޮޓޯއާ މައުލޫމާތު ނަގާފައިވަނީ އާރކިނެޓް.ކޮމް އިންނެވެ.



ހުލާސާ
ބައިބޯ ސިޓީތަކުގައި ދަނޑުވެރިކަން ކުރަނީ އާދަޔާ ހިލާފުގޮތްތަކްށެވެ. ރާއްޖޭގައިވެސް މީހުން ގިނައިން އުޅެނީ ބިން ކުދި އާމު ދަނޑުވެރިކަމަށް ފުރުސަތު ނެތް ރަށްރަށުގައެވެ. ބިނާވެށި ބޮޑު، ފެހިކަން ކުޑަ ރަށްރަށުގައި ގަސްއިންދުން މިއީ މުހިއްމު ކަމެއް ކަމަށް ޒަމާނީ ތަރައްގީ ހެކިދެއެވެ.
މަރުކާރު ކަށި ޖެހުމުން ސިޓީގައި ދައުރުވާ ދިރުމުގެ ހަކަތަ އަށް ޖާގަ ލިބެއެވެ. މަރުކާރުވެހިންގެ ހިތްފަސޭހަވުމާ ގުޅިފައިވަނީ ސިޓީގެ މުސްތަގްބަލެވެ.
މާލެ އާއި މިފަދަ ރަށްތަކުގެ ހާލަތު ފެހި ކުރުމަށް ހިޔާލާއި މިސާލު މި ލިޔުމުގައި ތަފްސީލް ކޮއްދީފައިވާނެއެވެ.