ދަނޑުވެރިކަން؟

    ރާއްޖޭގެ ގުދުރަތީ ވެއްޓަކީ ރާއްޖޭގެ މުޅި އިގުތިސޯދީ ނާރެހެވެ. ދުނިޔެ ނުދެކޭ ފަދަ ޓުއަރިޒަމް އިންޑަސްޓްރީ އަކާއި ވާރުތަވަމުންއަންނަ  ވަރަށް ފަހުރުވެރި މަސްވެރި ސިނާޔަތަކުން، ޓެކްނޮލޮޖީ އަށް ފަރިތަ ދަނޑުވެރިކަމާއި ބީރައްޓެހި ދަރިންތަކެއް ވަނީ އުފަންކޮއްފައެވެ.

     ރާއްޖޭގެ ރަށްތަކުގެ ތެރެއިން ނިޒާމަށް އިންތިޒާމު ވެގެން ދެމެހެއްޓެނިވި އުސޫލަކަށް، ތަރައްގީކުރަނީ 35-100 އަހަރަށް ކުއްޔައް ދީފައިވާ ރިސޯޓްފަހަރެވެ. ރިސޯޓެއްގެ ބިނާވެށީގެ މިންގަންޑާއި އާންމުން އުޅޭ ރަށެއްގެ ބިނާވެށި ރެގިއުލޭޝަންތަށް އަޅާ ކިޔާލާއިރު ފެންނަނީ ހަމަހަމައެއް ނެތުމުގެ ސަބަބުން އެ ގަވައިދުތަކުގެ ހަމަނުޖެހޭކަމެވެ. މިސާލަކަށް މީހުން އުޅޭ ރަށެއްގެ އެއްފަޅެއްގައި ވާ ރިސޯޓެއްގެ ފާހާނާ ހޮޅިތަކުން މޫދަށް ބޭރު ކުރެވޭނީ ސާފުކޮށް ފުރޭނިގެންނެވެ. ހަމަ އެފަޅުގައި އޮންނަ ދިވެހިންގެ ރަށަށް މި ގަވައިދު ނުހިނގާ، ބޭރުކުރެވެނީ ސާފު ނުކޮށް ސީދާ މޫދަށެވެ. އެއްފަޅެއްގައި އޮތް ދެރަށަކުން ދެ ގޮތަކަށް ކަންކުރިކަމުގައިވިއަސް ނަތީޖާ އެއްގޮތެވެ. ދެރަށާ ވަށާ ވާހާ ހުރިހާ ދިރުމެއް ހިމާޔަތް ކުރެވިގެން މެނުވީ ރިސޯޓަށްވެސް، ރަށްވެހީންނަށްވެސް، އަދި ކުރިއަރަމުން އަންނަ ގެސްޓްހައުސް ވިޔަފާރިއާ ގުޅުންވާ ހުރިހާ ރޮންގަކަށް ގެއްލުންވެއެވެ.

    ރިސޯޓްތައް ވިލަރެސްކުރާ ހިކުމަތްތައް؛ ވެށި ހަނާވެ ފަނާކުރަނިވި ފަރުމާތަކާ ދުރަށް މިސްރާބްޖެހީ  1984 ހިސާބުގައި މާސްޓާރ  ޕްލޭނެއް ހެދި ފެށި، އެއުސޫލުތަކަކަށެވެ. ތިމާވެށި ހިމާޔަތް ކުރުމުގެ ޝިޔާރު އިސްކޮށް ހެޔޮގޮތުގައި ދުނިޔެއަށް މަޝްހޫރުވުމުގެ ބޭނުން ލާރިން ގުނެއެވެ. އެގޮތުން ރިސޯޓްތަކުގައި އިޔާދަކުރަނިވި ހަކަތަ އުފެއްދޭނެގޮތްތައް ހޯދާ، ފެނާއި ކުނި އަލުން ބޭނުންކުރެވޭ ރައްކާތެރި ނިޒާމެއްގެ ތެރެއިން ރިސޯޓް މާހައުލަށް ގެއްލުން ނުދީ، ބާކީ ކުނި އެހެން ރަށަކަށް/ކަނޑަށް ނުވަތަ ‘އިކޮލޮޖިކަލް ޑިޒާސްޓާރ” (ގުދުރަތީ ވެއްޓަށް ދޭ ސަޒާ) އެއްކަމަށް ސިފަވާ ތިލަފުއްޓައް ބޭރުކުރެވެއެވެ. 

    ރިސޯޓު ތަކަކީ އަހަރެއްގެ ހުރިހާދުވަހަކުވެސް ، ދާއިމީ މުއައްޒިފުން ލައިގެން ހިންގާ ރަށްރަށެވެ. މި ރަށްތަކަކީ އާންމުންނަށް ނޭރޭ ބޭނުންކުރުން މަނާ އަމިއްލަ ތަންތަނަށް ވިއަސް މިރަށްރަށަށް އަރާ ފައިބާ ފަތުރުވެރިންގެ ހާހުން އަދަދު ކުރެވޭނެއެވެ. ރާއްޖޭގައި އޮންނަނީ 136 ހާ ރިސޯޓެވެ. 2017ގައި ހުރިހާ އަތޮޅެއްގެ އެނދުގެ އަދަދަކީ 29977 އެނދެވެ.

    ރިސޯޓްތައް މަރުކާރުވެތި ރަށްރަށޭ ބުނެވެނީ އާބާދީއެއް އޮތް ޒަމާނީ ތަރައްގީ އާއި އިޖާދީ ހައްލުތައް އެތަންތަނުން އިސްކޮށް، ފެންވަރު ހުރި މީހަކަށް ވަރަށް ފަސޭހައިން ދުނިޔޭގެ ކޮންމެ ކަނެއްގައި ހުރެފައިވެސް ރާއްޖެ އައިސް ރިސޯޓަށް ގޮސް އުޅެވެއެވެ. ފަތުރުވެރިންނަށް ފޮނި ބޮވާފައި ތިބި ދިވެހި ސަރުކާރުން އާންމުންނަށް ނުލިބޭ އެތައް ހިދުމަތެއް ރިސޯޓް ތަކަށް ވަނީ ފަހި ކޮއްދީފައެވެ.(މިސާލު:ޓެކްސް ލުއި ކުރުން، ސީޕްލޭން ގެ ހިދުމަތްތައް، ރުއްގަހުގެ ނޭދެވޭ ވިޔަފާރިއަށް އިޖާބަ ދިނުން ހިމެނެއެވެ). މި ލިބޭ ސަރުކާރުގެ ހާއްސަ އިނާޔަތްތަކުގެ އިތުރުން މިހާރު ވަނީ އާންމުން އުޅޭ ރަށްރަށާއި ފަޅުރަށްރަށުގެ ނާޒުކު ވެއްޓަށް އަޅާލުމެއްނެތި އަޅާ އެއާރޕޯޓްތައް ސަގާފީ ކުޅިވަރަކަށް ހަދާފައެވެ. 

   ފަތުރުވެރިންނަކީ ދިވެހިން ޒަމާނަށް ލޯހުޅުވައިދިން އެއް ވަސީލަތެވެ. ދަނޑުވެރިކަމާއި މަސްވެރިކަމާއި ދުރުކުރި މެދުވެރިޔާއެވެ. އަދި ރަށްތައް ފަޅުވެ މާލެ ތޮއްޖެހުން- އެއީ ރަންބިސް އަޅާ ކުކުޅު ދިވެހިންނަށް ދިން ހަނދާނުންނުފިލާވަރުގެ ‘ސަޕްރައިޒް” ހަދިޔާއެކެވެ.

    މިހާރު މާލޭގައި މިއުޅޭ މަރުކާރުވެރި ހަޔާތް އަތޮޅުތެރެއައް ބަހާލަވިއްޖެނަމަ ދިވެހިންގެ ސަގާފަތް މުއްސަނދިވާނެއެވެ. ބޯހިޔާވަހިކަން ތަނަވަސްވެ ހަމަހަމަ ގޮތެއްގައި ކާބޯތަކެތީގެ ޔަގީންކަން ހޯދުމަށް މަގުކޮށަން ފެށޭނެއެވެ.  ދަނޑުގޮވާންކުރުމުގެ ސިނާއީ ރަށްތަކެއް ގާއިމުވާން އެންމެ ބޭނުންތެރި އިންސާނީ ވަސީލަތްތައް ހަމަ ވާނެއެވެ. ރާއްޖޭގައި ކުރާ ދަނޑުވެރިކަން އިތުރަށް ފުޅާކުރުމަށް ސަރުކާރުތަކުންނާއި މާހިރުން ފުޅާ ދިރާސާތައްވަނީ ކޮއްފައެވެ. ،

    ތިރީގައި މިވަނީ  ދިވެހި ރާއްޖޭގެ ފުރަތަމަ ހެދި ސިޔާސީ ޕާޓީ- ރައްޔިއްތުންގެ މުއްތަގަދިމް ޕާޓީގެ ލީޑަރު އަދި 1953 ގައި ކުޑަ ދުވަސްކޮޅަކަށް ރައީސް ކަން ކުރި އަލްމަރުހޫމް  މުހައްމަދު އަމީން ލިޔުއްވައިފާ ވާ: ކެރޭނެތަ- މާލޭން ހުޅުލެއަށް ނުވަތަ ވިލިނގިލިއަށް؛ މިނަމުގައި ސަރުކާރު ގެޒެޓް ގައި ޝާއިރުކޮށްފައިވާ، ހަސަން ހަމީދު.ކޮމް އިން ނަގާފައިވާ ލިޔުންކޮޅެއް.

     މުހައްމަދް އަމީން ގެ ފިކުރަށް، މިހާރުގެ ހަގީގަތައް ބުރަވެ ދަޓްމޯލްޑިވްސް ބްލޮގްގައި: ތަރައްގީ- އަމިއްލަވަންތަ އެއްފަސްވުން، މިނަމުގައި މަރުކާރު ތަރައްގީއާ ބެހޭ ލިޔުމެއްގައި އަންދާޒާ ކޮއްލައިފައިވަނީ  އާބާދީ އަތޮޅުތެރެއަށް ބަހާލެވިދާނެގޮތެވެ. މަރުކާރުވެތި ރަށްތައް ކަމުގައި އެކަށައަޅާފައިވަނީ ރަށްވެހިންގެ ދިރިއުޅުމަށް ބަލާ، ލިބިފައިވާ ވަސީލަތްތަކާއި ގާއިމުވެފައިވާ ހިދުމަތްތައް އެކުވާނޭހެންނެވެ. ލާމަރުކަޒީކުރެވި އަތޮޅުގެ އިގްތިސޯދު މިނިވަންވެ ފާގަތިވުމަކީ ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީއަށް ގެނެވޭނެ އިންގިލާބެކެވެ.  

   މިގޮތައް މަރުކާރު ރަށްތަކެއް ދެނެގަތުން މުހިންމެވެ. ސަރުކާރުތަކަށްވެސް ތަރައްގީގެ މަޝްރޫއުތަކާއި ހިންގާ ޕްރޮގްރާމްތައް އަތޮޅުތެރޭގެ ހުރިހާ ރަށަކަށް ބަހަން މަސައްކަތްކުރުމުގެ ބަދަލުގައި، ވަކިރަށްރަށަކަށް އިސްކަން ދީގެން އަތޮޅުގެ އެންމެންނަށްވެސް ފޯރާނެ ވިޔުގައެއް ރާވަން ފަސޭހަވާނެއެވެ.

    މަރުކާރުވެހިންނަށް ހިތްގައިމު ސިޓީއެއް ލިބި، އެކަހެރިކަމާއި ބޮޑު ޖާގައަށް ލޯބި ކުރާމީހުންނަށް ވެސް ފަސޭހަކަމާއިއެކު ހިތް އެދޭ ރަށެއްގައި އުޅެވޭނެ ގޮތޮ މިންވަރުވެދާނެއެވެ. ނަޒަރު ހިންގައިލައިފިނަމަ ފެންނަނީ މިހާރުވެސް މިހަމައަށް އޭގެ ޒާތުގަ ސިޓީތަކާއި އަތޮޅުތެރެ ގާއިމު ވަމުންއަންނަތަނެވެ. މިސާލަކަށް އޭދަފުށި، ކުޅުދުއްފުށި، އައްޑޫ އަތޮޅު ހިތަދޫ ހިމެނެއެވެ. މީހުން ގިނަވަނީ އެންމެ ބޮޑު ޖާގަ އޮތް ރަށްރަށުގައެއް ނޫނެވެ. ރަށެއްގެ މިނިހެޔޮވިހެން، ވަސީލަތްތަކާއި ވިޔަފާރިތައް ދަމާބާރަށް ލެނބިގެން އާދެއެވެ.

މެޕު: ދަޓްމޯލްޑިވްސް ބްލޮގް

    ކޮންމެ ދިވެއްސެއްވެސް ރަށެއް ނޫނީ އަތޮޅެއްގެ ބޮޑު މަންޒަރު، ދައުރު، އަދި ކުރިމަގާ މެދު ހިޔާލާއި ފިކުރުކުރާނެއެވެ. ބުރަވެވޭ ހަގީގަތަކީ ބޭނުން ބަދަލެއް ލިބޭނީ މިނިވަން ރޫހެއްގައި އިންސާނީ/އުމްރާނީ ވަސީލަތްތަކާއި ދަތުރުފަތުރާއި މުއާސަލަތީ ހިދުމަތުގެ ވިޔުގާ އެންމެންނަށް ފަހިވާނޭހެން ގުޅާލެވިގެންނެވެ. 

    ޒަމާނީ ކުރިއެރުމުގެ ބޭރުއޮއެ ދެމި، މިރަށްތައް ވެސް ބޭރަށް ދަމައެވެ. ތަރައްގީގެ ރާޅުބާނި ވަރުނުލާ ނަގައެވެ. ދިވެހިން ރާޅާ ތެޅެމުންދެއެއެވެ. ކޯވިޑް19ގެ ރޯޅިވެސް އެކިރަށްތަކަށް އެކި ވަރަށް ބިންދައެވެ. ރާއްޖެއަށް މީގެކުރިން ވެސް ބޮޑުހަނގުރާމަ، ޓައިފޮއިޑް، ކޮލެރާ ފަދަ ތަދުމަޑުކަން އައުމުން ފިޔަވަޅުތަކެއް އަބަދުވެސް އެޅިއެވެ.

    1940ގައި ބޮޑުހަނގުރާމައިގެ ދުވަސްވަރު ސަރުކާރުން ނަސޭހަތްތެރިވެ އިލްތިމާސްކޮށްގެން ހުރިހާ އަތޮޅެއްގައިހެން ކާބޯތަކެތި ރުވާ، އިންދާ ހައްދާން ފެށިއެވެ. މީހުން އާބާދުވެފައިވާ ރަށްތަކުގެ ތެރެއިން %25-%50 ރަށަކީ އަދާޖެހެންދެންވެސް ދަނޑުވެރިކަމުގެ ރަށްރަށެވެ. އަދި ބައެއް ރަށްރަށް ދާއިމީގޮތަކަށް ދަނޑުވެރިކަމުގެ ރަށްރަށަށްވެގެން ދިޔައެވެ. ރާއްޖޭގެ އިގްތިސޯދަށް ދަނޑުވެރިކަމުން އާމްދަނީލިބެދީ ޖ.ޑ.ޕ ގެ %6 އެވެ. މިއީ ގިނަފަހަރަށް ސިނާއީ ރަށްރަށުގައި، ބޮޑެތި ދަނޑުތަގައި ރިސޯޓުފަހަރާ ކުރާ ވިޔަފާރީގެ މަންފާއެވެ. އަހަރުމެންނަކީ ކާބޯ ހުރިހާ އެއްޗެއްހެން ބޭރުން އެތެރެ ކުރާ  އުފެއްދުންތެރިކަން ކުޑަ ގައުމެކެވެ.

    މިދުވަސްވަރު ރާއްޖެ ފުރަބަންދެއްގައި ވުމުން، މޫސުމަށް އަންނަ ބަދަލާގުޅި ތޫފާންތައް ބާރުގަދަވެ އަދި ކަންކަން އަބަދުވެސް ފުރޮޅެމުން ދާގޮތުން ދަނޑުވެރިކަމަކުންވެސް، މަސްވެރިކަމަކުންވެސް އަދި ޓުއަރިޒަމްއަކުންވެސް އާމްދަނީއެއް ނުލިބެއެވެ. ޖީ.ޑީ.ޕީ ފީ ވެއްޖެއެވެ. 

    ދިވެހިންގެ ދިރިއުޅުމަށް އޮތް އެެއް ބިރަކީ ކެއިންބުއިމަށް އެހެން ގައުމުތަކަށް ބަރޯސާވެފައި އޮތް މިންވަރެވެ. އަދި ފަގީރުކަން އިހްސާސްވިޔަ ނުދިނުމަށްޓަކައި؛ ކޭންބުއިމަށް ބޭނުންވާ ކާނާ އިންދާ ބެލެހެއްޓުން އެއީ މޮޅު ގޮތެއްކަން މާޒީއަށް ބަލާލުމުން އެނގެއެވެ.

އަލަމިއީ މޮޅުކެއުމެކޭ ގިނަވަގުތު ބޭނުންތަކެތި ހެދެވޭ                               

      ރަހަ ތަފާތުވި މީރުކަންހުރި ގިނަތަކެތި ތައްޔާރު ކުރެވޭ

 ރަށުގެ ފަސްގަނޑުގާ ވެޔޭ ވަކިބައިތަކެއް ހެދި ޤުދުރަތުން                            

           ހަރުކަމެއްނެތި ޗަސްކިލާހުރި އަލައޮޅަށް ބޭނުން މިކުރެވޭ

 ދަތިކަމާ ކުރިމަތިވެގެން އެކި ނުލިބި ކާޑުގެ އެކިތަކެތި                                     

           ވަކިއިތުރު ބަނޑުހައިކަމެއްނެތި އަލައެއީ ކެއުމެއް ކަމެއްވޭ

         ދެވަނަބޮޑުހަނގުރާމަ ހިނގިއިރު ބަނޑުފުރާނަ މިމުއްތި ނުވިއިރު                                 

          އެފަދަ ތަދުމަޑު ހާލު ނުގެހުނު ކެއުމަކީ އޮޅުއަލަ ކަމަށްވޭ

    ބީވެފައިހުރި ދަނޑުތަކުން ރަށު ވިނަނޮޅާ އަލައިންދަމުން އަދު                                

                                      މީގެފަހުގާ ގެއްލިނުމެދާ ގޮތް ބެލުން ބޭނުންވެގެން                                             

ފުވައްމުލަކުގައި އޮޅުއަލަ (ފާރޫޤު އަހްމަދު ފުވައްމުލައް)  ހައްދާ ފެތުރުން ގޮތާ، ބާވަތް ތަކާއި ބެހޭގޮތުން ލިޔެފައިވާ މަޒުމޫނެއްގައި ހިމަނާފައިވާ ޅެމެއް.

     1942ގައި ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫގައި ދަނޑުވެރިކަން ކުރަމުންދިޔަ، މާޒީގެ ގޮތްތައް ބަޔާންކޮއްފައިވާ ލިޔުމެއްގައި ބިން ބެހުމުގެ އުސޫލުވާ ގޮތް ތިރީގައި މިވަނީއެވެ.   

މިހާރު ރާއްޖެ މިހާލަތުގައި ވާ ހިނދު، ސަރުކާރުންނާއި މަދަނީ ޖަމާއަތްތަކުންނާއި އެކިއެކި ފޯރަމް ތަކުގައި އަންނަނީ ދަނޑުވެރިކަމަށް ގޮވާލަމުންނެވެ. އަދި ތަރުތީބުވެ ތައްޔާރުވާކަންް ފާހަގަކޮއްލެވެއެވެ.

     މީހުން އުޅޭ ރަށްރަށުގައި ކުރެވޭ އެރަށެއްގެ އަމިއްލަވަންތަ ދަނޑުވެރިކަން ކުރުމަށް ކުރިއާ ހިލާފު އާ މައްސަލަތަކެއް މިހާރުވަނީ ކުރިމަތިވެފައެވެ. އޭގެ ތެރެއިގައި: މޫސުމަށް އަންނަ ބަދަލާހެދި ތޫފާންތައް އިތުރުވުން، ގަހަށް ޖޭހޭ ބަލިތައް ފެތުރުން،  އާބާދީ އިތުރުވުމުން ދިމާވާ ބިމުގެ ދަތިކަން، ބިން އޮތްތަނުން ބިން ނެތް ރަށްރަށަށް  ހިޖުރަކުރުން، ސަރުކާރާއި އިދާރާތަކުގެ ދައުރުބޮޑުވުން،  ދަނޑުވެރިކަމުގެ އާދަކާދަތައް މުޖުތަމައުއަށް ފުރިހަމައަށް ތަފްސީލުކޮއްދީފައި ނެތުން، ހިދުމަތުންނާ އެކަތި އަނެކައްޗާ ބަދަލުކޮއްގެން ކަންކަމަށް އަގުކުރި ސަގާފަތް ރޫޅި ލާރީގެ އިގްތިސޯދަކަށް ބަދަލުވުން ވެސް ފާހަގަކޮށްލެވެއެވެ. ދާދިފަހުން ފާސްކުރި ޕެސްޓިސައިޑް ގާނޫނު އެއީ ހެޔޮ ފާލެއް ކަމަކު ދަނޑުވެރިންނަށް ގޮންޖެހުމަކަށްވެސް ވެދާނެއެވެ. ދިވެހިރާއްޖޭގައި ގުދުރަތީ ގޮތުންނާއި އާސާރީ ގޮތުން ހިމާޔަތް ކުރެވިފައިވާ އާންމުތަންތަނަކީ މާބޮޑު އަޅާލުމެއް ނުދެވި ޒަމާންތަކަކަށް އޮތްތަންތަނެވެ. އަދި ދަނޑުވެރިކަން ކުރުމަށް އަރާ ފޯރީގައި މިތަންތަނުގެ އަގު ވަޒަންނުވެ ގެއްލިދިއުމަކީ ދިވެހި ސަގާފަތައް އަދި ރާއްޖޭގެ ދިރުންތަކަށް، އަގުނުކުރެވޭނޭ ވަރު ގެއްލުމެކެވެ.

1922

     އެޗް.ސީ.ޕ ބެލް 1922ގައި މާލޭ ސިފަ ކޮއްދީފައިވަނީ އެއީ އާބާދީ ބޮޑު ތޮއްޖެހިފައިވާ ރަށެއްގެ ގޮތުގައެވެ. އޭނާގެ ފޮތުގައި ބުނެފައިވަނީ 1921ގައި މާލޭގެ އާބާދީ އަކީ 6127 މީހުންކަމަށެވެ. ބެލް މިއަދު ދުނިޔޭގައި ހުރިނަމަ، މިކުޑަކުޑަ މާލެގައި އޭރު އުޅުނު މީހުންގެ 10 ގުނަ އިތުރަށް މީހުން އުޅޭތަން (ނުވަތަ ގަނަތެޅޭތަން) ފެންނަނަމަ އަންތަރީސް ވާނެއެވެ. އަދި އިތުރަށް އޭނާގެ ފޮތުގައި ލިޔެފައިވެޔެވެ. 
“އެ ރަށް އެހާ މީހުން ގިނަވެފައި ވާ ހިނދުވެސް، ސަހަރާފަދަ ހުސްބިންތައް ބޭނުންކުރުން މަދު. ހިޖުރަކުރުން ނޫނީ އެހެން ގޮތަކުން ( މާލެ ކައިރި- މާލެގެ އުތުރާއި ދެކުނުގެ ރަށްތައް ބޭނުންކުރުން) ދިމާވެފައިވާ ތޮއްޖެހުމަށް އަވަސް މުހުލަތެއްގައި ހައްލެއް ހޯދަން ޖެހޭ.”

ހަސަން ހަމީދު.ކޮމް ގައި އިނގިރޭސިބަހުން ލިޔެފައިވާ: މަރުކާރު މާލެ ހަދުމުގައި ހޭވުނު ހަޑި، މިމަޒުމޫނުގެ ތެރެއިން ތަރުޖަމާއެއްކޮއްފައިވާ ތަންކޮޅެއް.

ރާއްޖޭގެ ދަނޑުވެރިކަމަށް އިންޤިލާބީ ކުރިއެރުމެއް ގެނައުމަށް އޮތް އެންމެ ބޮޑު އެއް ހުރަސް

ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވޭނީ، ފެހިގެ ޢާއްމުކުރެވޭނީ، ފެހިގެ ހެދުމަށް ބޭނުންވާ ޕްލާސްޓިކް އަގުހެޔޮކޮށްގެންނެވެ. އެއަށް ނަގާ 400% ޑިއުޓީ ކުޑަކޮށްގެންނެވެ. ނޫނީ، ދަނޑުވެރިން ޖެހޭނީ، މިހާރު ހެން، 12 ފޫޓު 16 ފޫޓުގެއެއް ބައިލައްކަ ރުފިޔާއަށް ގަންނާށެވެ..
ރާއްޖެއަށް އެތެރެކުރާ އަވިން ހަލާކުވާ ޕްލާސްޓިކުން ކުޑަ ޑިއުޓީއެއް ނަގާފައި، ފެހިގޭ ޕްލާސްޓިކުން ބޮޑު ޑިއުޓީއެއް ނެގުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.

 ހަސަން ހަމީދު.ކޮމްގައި ތާނައިން ލިޔެފައިވާ ގަސް ހެއްދުމަށް ފެހިގެއެއް އަޅާނެ ގޮތް، މި މަޒުމޫނުގެ ތަން ކޮޅެއް. 

އަސްލަމް ވަހީދުގެ ޓްވީޓް ތަރުޖަމާ: 9 މޭ 2020
    އައްޑޫ ގައި ރީތި އަލަފާތައް. މިއަދާ ހަމައަށްވެސް ކާބޯތަކެތީގެ ރައްކާތެރިކަން އެއީ މުހިންމު ކަމެއްކަމަކަށް ކައުސިލް އަކުން ނުދެކޭ. އަހަރެން ހަނދާން އެބަހުރި މަގޭ މައިންބަފައިން އެތައް ޒަމާނެއްވަންދެން ހައްދާ ބެލެހެއްޓި ފާތައް ރަޖިސްޓްރީ ކުރަން އުޅުނު ހާލު- ބުނަނީ ލޭންޑް ޔޫސް/ ބިން ބޭނުންކުރާ ގޮތުގައި އެ އަލަފާ ހުރި ބިމަކީ ދަނޑުވެރިކަމަށް ދޫ ކުރާ ބިމެއް ނޫނޯ.
-ޓްވިޓާރ

ހުލާސާ 

    ރާއްޖޭގައި އުފެދިފައިވާ އެންމެ މުހިއްމު ސިނާއަތަކީ ޓުއަރިޒަމް އެވެ. ޓުއަރިޒަމް ގެ ސަބަބުން ވަރަށް އެދެވޭ ބަދަލު ތަކަކާ ނޭދެވޭ ކަންކަން ފެނެއެވެ. އަދި ރޭވިގެން ކުރެވޭ ބިޔަ ޓުއަރިޒަމް ވިޔަފާރިއާ ދަނޑުވެރިކަމާ ގުޅުވަން ކޮއްފައިވާ މަސައްކަތްތައް މަދެވެ.  ދިވެހިން ނަށް ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް މާލޭގެ ތޮއްޖެހުމުން ސަލާމްތްވުން ރަށްތައް އަމިއްލަވަންތަކުރުން ވަރަށް މުހިއްމުވެއްޖެއެވެ.

    ދިވެހި ދަނޑުވެރިކަމުގެ އެހާރާއި މިހާރަށް ބަލާ، ކުރިއަރަން ފިޔަވަޅު އަޅަން ވީ ވަގުތަކީ މިއީއެވެ. 

Leave a Comment

Your email address will not be published. Required fields are marked *