ގަސް ހެއްދުން

    ފިތުރަތުގެ ފުދުންތެރި މި ރާއްޖޭގައި ދެ ރަށެއް އެއްގޮތަކަށް ނޯވެއެވެ. އެކިރަށް ރަށުގެ ފަސްގަނޑާއި ހާއްސަ ގުދުރަތީ ނިޒާމުތަކުން ދިވެހި ރާއްޖޭގެ ދިރުން އާރޯ ކުރެއެވެ. ޖަންގަލީގައި ހެދޭ ގަސްތަކާއި، ޗަކަބިމުގައި ހެދޭ އަލައާއި ކަނޑޫފާގެ ވައްތަރުތަކާއި، ހޭޅިފައްޓާ އަތިރިމަތީގައިވާ ލޮނަށް ގަދަ ގަސްފަށަލައިން އެތައް ގިނަ ދިރުމަކަށް ޝިފާ ލިއްބެއެވެ. ރާއްޖޭގެ އަސްލު މުޑުވައްނޫން ބޭރުމުޑުވައްތައްވެސް ފަސޭހަކަމާއި އެކު ގޯތިތެރޭގައި އާއި ދަނޑުދަނޑުގައި، މިބިމުގައި ހެދެއެވެ.

     ބިން އޮތް ރަށްތަކުގައި ދަނޑު ހައްދައި ވިއްކިދާނެއެވެ. ނަމަވެސް ބައެއް ރަށްރަށުގައި ދަނޑުވެރިކަން ކުރާނެ ބިން ލިބުމުގެ ދަތިކަން މިހާރުވަނީ އިތުރުވެފައެވެ. ކާބޯތަކެތީގެ އަގުބޮޑުވެ އިގްތިސޯދު ދަށަށް ދިއުމުން އެންމެ ނޭދެވޭ އަސަރު ކުރަނީ މާލީ ތަނަވަސްކަން ދައްވެފައިވާ، ދަނޑުވެރިނޫން ގޭބިސީތަކަށެވެ. އެ އާއިލާތަކުގެ އަތްމަތި ހުސްވަނީ ރައްކާތެރި ކާނާ ގަތުމަށެވެ. ހެޔޮހާލުގައި ދުޅަހެޔުކަންމަތީ ތިބުމުގެ ފުރުސަތު ނެތުމުން ސިއްހަތާއި ނަފްސަށް ކުރާ ގެއްލުން، އަހަރުތަކަށް އަދި ޖީލުތަކަކަށް ވެސް ދެމިގެން ގޮސްދާނެއެވެ.

ގަސް ހެއްދުމުން މުހިއްމުކަން:

ލިބިފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވުން

 ދެމެހެއްޓެނިވި ގޮތަކަށް ލިބިހުރި ވަސީލަތްތައް ބޭނުންކުރުމުގެ ގާބިލްކަން ލިބުން

އިގުތިސާދީ ކުރިއެރުން

މަރުކާރު ދިލަހޫނުން ސަލާމަތްކަން (އާރބަން ހީޓް އިފެކްޓް)

އިކޮނޮމީ އޮފް ސްކޭލް ފުޅާވުން

ފަގީރުކަން ދުރުވުން

ބަނޑުހައިކަމުން ދުރުވުން- ކެއުމަށް ރައްކާތެރި ކާނާ ލިބުން

ވައި ސާފުވުން

ހަށިގަނޑަށް ކަސްރަތުލިބުން

ކާރބަން ފުޓްޕްރިންޓް ކުޑަވުން

ސިޓީގެ އަޑުފައްގަނޑު ގަހުން މަތަކޮއްދޭ

ތިމާވެށި ރައްކާކުރުމަށް ބާރުލިބުން

ސިއްހަތް ސަލާމަތްކުރުމުގެ ހައްގު ލިބުން

ލިބޭ ހިތްހަމަޖެހުން

ބިން އޮތް ރަށްރަށުގައި ހައްދާ ބަގީޗާގެ ވައްތަރުތައް

ގޯތިތެރޭގައި ބަގީޗާ ހެއްދުން / ގޯތި ބަގީޗާ Home garden

    މިއީ އެވޭލާ ޒަމާނުއްސުރެ ކުރަމުންއަންނަ ވައްތަރެއްގެ ދަނޑުވެރިކަމެކެވެ. ގޭތެރޭގައި އޮންނަ ހުސްޖާގައިގާ މޭވާއާއި ތަރުކާރީއާއި މާމެލާމެލި އަދި ރުއްގަސް އެކުގައި އިންދާ ބަލަހައްޓައެވެ. އެކި ކަހަލަ ގަހާއި އެއްކޮއް ކުކުޅު، މާމުއި ކުޅަނދުރު، މަސް ފެންގަނޑު ފަދަ ޖަނަވާރު ގެންގުޅުމަށް ކިޔަނީ ޕޮލީ ކަލްޗާރއެވެ. މިގޮތައް އަސްލު ގުދުރަތީ ނިޒާމު ތައް ނަކަލް ކޮއް ބަގީޗާ ފަރުމާކުރުމުންް، ފަސްގަނޑު ވަވާކުރެވި(ބިން މޮޅުކުރުން) ބޭނުންވާ ކާދު ގުދުރަތުން ލިބި، ވެލިގަނޑުގައި އުޅޭ ހަންޑިކުޑަ، ސޫފި ގިނަވެ، ދިރުންއާލާވެ، ބަލިތަކާއި ގަސްކާ ސޫފާސޫތްޕައް ވެސް އެޅޭ ރައްކާތެރި ހުރަހަަށް ވެގެންދެއެވެ.

    ގޯތީގައި ހައްދާ ކާބޯތަކެތީގެ ބަގީޗާއިން އާއިލާ ކައިފައި ބާކީ ވިއްކައިގެން އާމްދަނީ އިތުރުކުރެވެއެވެ. ބަގީޗާ އިން؛ ދަރާއި، ގެރިބަކަރި، ކުކުޅު ކާނާ، ލަކުޑި އާއި ބޭސް ފަރުވާސް ލިބެއެވެ. ގޭންއުފެދޭ ކުނި މަދުކުރުމަށް: ގަސްއިންދަން ބޭނުންކުރެވިދާނެފަދަ ކަންޒު އުކާނުލާ ބޭނުންކުރުން އަދި ގުދުރަތީ ކުނިން ގޯތިތެރޭގެ ގަސްތަކަށް ފުދޭވަރަށް ފެހި ގަހުކާނާ އެފެއްދެއެވެ.  

ގޭދޮށު ބަގީޗާ / އެންމެންގެ ބަގީޗާ / އަވަށު ބަގީޗާ / ޖަމާއަތުގެ ބަގީޗާ   Community garden

    ސިޓީތަކުގައިއްޔާއި ސަބާރބް ތަކުގައި އަވައްޓެރިންގެ ތެރޭގައި މަގުބޫލު ދަނޑުވެރިކަމުގެ ވައްތަރެވެ. މީހުން ދިރިއުޅޭ އާބާދުވެފައިވާ ހިސާބުތަކާ ކައިރިން ގިނަ މީހުން/ ޖަމާއަތް ހަދައިގެން ކުރާ އެކި ފާޑުފާޑުގެ އިޖްތިމާއީ އެއްބާރުލުމުގެ ދަނޑުވެރިކަމެވެ؛ ދިރޭ ޖަނަވާރު ގެންގުޅުން، އަކުއާ ކަލްޗާރ، ފެނުގައި ގަސްއިންދުން، ދަނޑުގޮވާންކުރުން، ފެހި އާލާކުރުން، ގަސްގަހާގެއްސައް ހުންނަ ޝައުގު ފުޅާކުރުމުގެ ގޮތުން ބާއްވާ މާރުކޭޓާއީ މަޝްވަރާ ބައްދަލުވުންތައް މިޒާތުގެ ދަނޑުވެރިކަމުގައި ހިމެނެއެވެ. އަވައްޓެރިންނާ އެކުވެރިންގެ ގުޅުން ބަދަހިވެ މާލީ އަދި ސިއްހީމަންފާ، މިކަހަލަ ހަރަކާތްތަކުގައި ޝާމިލްވެ އުޅޭ މީހުންނަށް ލިބެއެވެ. މި ބިމުގެ ގުދުރަތާ އެކުވެ ކުރާ މަސައްކަތް ތަކުން ލިބޭ ފިލާވަޅުތައް މުޖުތަމައުއާ ހިއްސާކުރުމަކީ ދިވެހިންގެ އާދަކާދައެކެވެ. 

    ރާއްޖޭގައިވެސް ޖަޒީރާ ވެއްޓަށް އެކަށޭނެ، ފަނާކުރަނިވި ގޮތްތަކާ ހިލާފަށް ކުރަމުންއައި ‘ޖަމާއަތުގެ ބަގީޗާ” ތަކުގެ ވައްތަރުތައް ފެނެއެވެ.

 އަލައޮޅު Taro pits

ގދ. ފިޔޯރީ ދަނޑުވެރިން- އަހްމަދް ޒާހިދް

    އަލައަކީ ދެކުނުގެ އަތޮޅުތަކުގައި އާލާވެފައިވާ ފަލަމަޑީގެ ބާވަތެކެވެ. ބުނެވޭ ގޮތުގައި ފުވައްމުލަކުގެ އޮޅުއަލަ ދަނޑުތަކަކީ މީގެ 100އެއްހާ އަހަރިކުރީން އެރަށު މީހަކު ރާއްޖޭންބޭރަށް ބެހުނު ދަތުރެއްގައި، އަޖުމައަކަށްް ގެނެސް ޗަކަބިން-މަޑު ކިލާގައި އިންދާ ރަށުއެންމެން ވެގެން ނިރު ގިނަކުރި ގަސްތަކެކެވެ. އަދި މިހާރު އެރަށުގައި 10 ވަރަކަށް ވައްތަރުގެ އަލަ އާލާ ކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ އެންމެ އިހުގެ ބޮމްބޭއަލަ/ވިލާތުއަލަ/ފުރެއްދެއަލަ، މާއަލަ، ބޮޑުއަލަ/ފަނިއަލަ، ރަތްއަލަ، ކިރުއަލަ، ހުދުއަލައެވެ.

    މި އަލަބިންފާ ތައް ބަލަހައްޓަނީ އެ ތަނެއްގެ ކައިރީގައި ދިރިއެޅޭ މީހުންނެވެ. އަދި މީގެ އިތުރުން އަވަށުގެ އެކި ހިސާބުތަކުން އަލަ ދަނޑުތައްވެސް އޮވެއެވެ. އަލަބިންތައް ހައްދާ ބެލެހެއްޓުމުން ހުރިހާ އަވައްޓެރިންނަށްވެސް ކާނާ ޔަގީންވެ ހިތް ގައިމުވެ އުޅެވެއެވެ.

  ފާ / ކުޅި / ކަނޑޫފާ   Mangrove wet lands

ކަންޑޫ، ޔޫއެންޑީޕީ މޯލްޑިވްސް/ފޭސްބުކް

    ރަށްރަށުގައި ހެދިފަިއ ހުންނަ ފެންކޯރު ތަކަކީ ވަރަށް ގިނަ ދިރުމަށް ހިޔާވަހިކަން ދޭ  ގުދުރަތީ ނިޒާމެކެވެ. މި ވެށީގެ އެހެން ދިރުން ހެން އިންސާނުންނަށްވެސް ފައިދާ ލިއްބާ ކާނާ އާއި ރާއްކާ ލިބެއެވެ. މި ތަންތަން ނައްތާނުލާ ގެންގުޅުމުގެ ނަތީޖާ ސުނާމީ، ބޮޑު ތަދު ފަދަ ކާރިސާތަކުން އެނގެއެވެ. މި ވެށިން ލިބޭ ކާނާގެ ތެރޭގައި ހިމެނެނީ؛ ކަނޑުގަދަ ދުވަސްވަރު މަސް(އުނިޔަ، ބޭންގު، ތެލާޕިޔާ، ކަނޑުރޯދި)، ތަފާތު ވައްތަރުގެ ކަނޑޫ، ކުއްޅަވަށް އަދިވެސް އިތުރު ބާވަތްތައް ގުދުރަތާ ފުށުނާރާހެން އާލާ ކުރެވިދާނެއެވެ.

    ކަނޑޫފާ ހުންނަރަށްރަށުގެ މީހުން، އާއިލާ އެއްކޮށް ރައްޓެހިންނާ އެކު ކުޅިއަށް- ކަނޑޫ ބިނދެ ހޮވަން ގޮސް މަޖާ ކުރެއެވެ.

ރުއްގަސް   Coconut groves / Agroforestry

ބ. ދަރަވަންދޫ ރުއް ދަނޑެއް

    މީހުންއުޅޭ ޖާގަ އޮތް ރަށްރަށުގައި ރުއްދަނޑުތައް ހެދި އަރާފައި ހުރެއެވެ. ގިނައިން ހުންނަނީ އަވަށުން ބޭރުގައި އެއްތަންގަޑަކަށެވެ. އެ ބިންތަށް ސާފުކޮށް އެހެން ކުދި ގަސްގަހާއެކު އިންދަމުން، ރުކުއަރަމުން، މުސްކުޅިރުއް ވަކަރަށް ނަގަމުން، އާ ރުއް ފޯދުވަމުން އުޅުނު މާޒީއަކީ ދިވެހިން ބިމުގެބޭނުން އެންމެ ހެޔޮގޮތުގައި ކުރިކަމުގެ މިސާލެކެވެ.  

    ކުރީޒަމާނުއްސުރެ ދިވެހިން ރުކުގެ ބޭނުން، ކުރެވޭ ހުރިހާ ގޮތަކަށް ކުރަމުން އާދެއެވެ. ކާށި، ކުރުންބާ، ރުކުރާ، ވަކަރު؛ ގެދޮރު، އޮޑިދޯނި، ފަރުނީޗަރު، ހިފާގެންގުޅޭ އަތްތެރި ސާމާނު؛ ކުނާ، މުޅޯށި، ބަތްޕޮޅި، ބޮޑުމަސް ހެދުމަށް، ފަނުން ހަދާ ކުޑަކުދިން ކުޅޭ ތަކެތ، ބޮންބި، ރޯނު، ދިވެހި ބޭސް އަދިވެސް އިތުރު އެތަށް ބޭނުންތައް ކުރެއެވެ.

ޖަމިއްޔާ ޖަމާއަތުގައި ދަނޑުވެރިކަމަށް އަހުލުވެރިވުން  Institutional gardens 

އޮފީސް / މަރުކަޒު/ މިސްކިތް / ޖަލު ބަގީޗާ

    މިހާރުވެސް ރާއްޖޭގެ އޮފީސް/ މަރުކަޒު/ މިސްކިތް ތަކުގައި އޮންނަ ހުސް ބިމުގައި އެކި ބޭނުންތަކަށް ގަސް ހައްދައެވެ.އަދި ޖަލުތަކުގައި ހައްޔަރުގައި ތިބި މީހުންނަށްވެސް  ކޮންމެވެސް ވަރަކަށް މި ފުރުސަތު ލިބެއެވެ.  އިތުރަށް މިކަން ފުޅާކޮށް ކާނާގެ ރައްކާ ޔަގީން ކުރުމަށް އެއްލާ އަތެއްގެ ގޮތުން ކުދި ބަދަލު ގެނެވިދާނެއެވެ. 

    އަމިއްލަ ނުވަތަ ސަރުކާރު/އާންމުންގެ އޮފީސް މަރުކަޒު އިމާރާތް ތަކުގައި  މުއަޒިފުންނަށް ގަސްހެއްދުމުގެ ހުއްދަދިނުމެވެ. ގަސްހެއްދުމުގެ ތެރޭގައި އުޅުމުން ކަސްރަތުވެ، ނަފްސު ތާޒާވެ ބަލިތަކުން ދުރުވެއެވެ. މުއައްޒިފުން ނުވަތަ މަރުކަޒުގެ ތެރޭގައި އިތުބާރާއި އެކުވެރިކަން އާލާވެ މައުލޫމާތު ހިއްސާކުރުމުގެ ރޫހެއް އާވެއެވެ. ހައްދައިގެން ލިބޭ ކާނާ އެންމެގެ މެދުގައި ބެހި ހަމަހަމަކަމެއް ގާއިމުވެއެވެ.

މަދަރުސާ ބަގީޗާ   School / College / University garden

    ހުރިހާ ކިޔަވައިދޭ ތަންތާގައި ޖާގައޮތް މިންވަރަކުން  ދަރިވަރުންނަށް ތަޖުރިބާ ކުރުމަށް ހުޅުވާލެވޭ މަގެކެވެ. ވެށީގެ އިލްމާއި، ދަނޑުވެރިކަމާއި، އިގްތިސޯދް ، ކާބޯތަކެއްޗާއި ގުޅުން ހުރި ރޮގުތައް ގުޅުވާލާ ދެވޭ ވަށާޖެހޭ ތައުލީމީ މަންހަޖުގެ އަސާސަށެވެ. އެކި އުމުރު ފުރައިގެ ދަރިވަރުން ގަޔާވާ އެތަކެއް ތަހުލީލުތަކެއް ބަގީޗާ އެއްގައި ހިންގޭނެއެވެ.

  ޝޯ ބަގީޗާ / ގަސް މައުރަޒު/ މާާހައުލާއި ގަސް ދައްކުވައިދޭ ބަގީޗާ   Botanical garden

    ބިން އޮތް ތަންތާންގައި، ވެށީގެ ދިރުން ދައްކުވައިދީ ހިމާޔަތްކުރުމުގެ ނިޔަތުގައި ކުރާކަންކަމެވެ. ބޮޓެނިކަލް ބަގީޗާތައް ހާއްސަވަނީ ގަހަށެވެ. ގަހާ އޮޅު އެހެން ދިރުންތައްވެސް މިތަންތަނުން ބަލާލަން ލިބެއެވެ. 

    ދެމެހެއްޓެނިވި ގޮތަކަށް މިބަގީޗާ ތަކުން ފައިދާ ހޯދުމައްޓަކައި މިއިލްމާއި ކަންކުރުމަށް އިސްވެ ޝައުގު ހުންނަ ފަރާތްތަކަށް/ޖަމިއްޔާ/ޖަމާތް ތަކުން މިފަދަ ބަގީޗާ/ޕާރކު އާންމުންނަށް ހުޅުވައިލައިގެން ހިންގަމުން ގެންދެއެވެ.  މި ބަގީޗާތައް ނުވަތަ ހިމާޔާތް ކުރެވިފައިވާ ސަރަހައްދުތަކަކީ؛ ބެލެހެއްޓި އެތަންތާންގެ ދިރުން މިނޭވަރަށް މައުލޫމާތު އެއްކުރެވި، އެ މައުލޫމާތު އެ އަވަށަށް، ރަށަށް ނުވަތަ އަތޮޅަށް ހިއްސާ ކުރާ ތަންތަނެވެ. އަދި ބަގީޗާތަކުގެ އަމާޒަކީ މީހުންގެ މެދުގައި ގަހަށް/ގުދުރަތުގެ ވެއްޓަށް އޮންނަ ލޯތްބާއި ޝައުގު އުފެދޭ ގޮތައް ހޯދައި ހާސިލް ކުރުމެވެ. މިތަންތަނަކީ އަހަރުމެންގެ ވެށި ދިރާސާކޮށް ބަލާ ކިޔައިވަދޭ އިލްމުހާނާ ތަކެކެވެ.

 

މަރުކާރުވެށި ނުވަތަ ރަށްފުށު ފަޅު ހިސާބުތަކުގައިވެސް މި ކަހަލަ ގަސް މައުރަޒުތަކުގެ ގޮފިތައް ހުރެއެވެ. ތިރީގައި މިވަނީ މީގެން ބައެއް ވައްތަރުތަކެވެ.

* އަވަށު ނޫނީ ސިޓީ ތެރޭގައި އިންސާނުންނާ ޖަނަވާރުން އެއްކޮއް އުޅެވޭ ގޮތައް ގުދުރަތީ ދިރުން އާލާކުރުމުގެ ގޮތުން ހަދައިފައިވާ ޕާރކު. މިގޮތައް ހެދޭ ތަންތަން އެއީ އެކިފަހަރު، ހާލަތައް ނިޔާކޮށް އެކިކަހަލަ ގަސް އިންދިދާނެ ތަންތަނެވެ.

* އެރަށެއް، ގައުމެއްގެ ގުދުރަތުން ހެދިފައި ހުންނަ ތަފާތު ގަސްތައް އެކުލެވޭ ބަގީޗާތައް. މިތަންތަނުގައި ނެތިދިއުމުގެ ބިރުއޮތް ގަސްގަހާގެހި މުޑުވައްކޮށް އިތުރުކުރުމަށް ބާރުއަޅައެވެ. 

* ވަކި ކަހަލަ މާހައުލެއްގައި ހެދޭ ގުދުރަތީ ވެށިވާ ހާއްސަ ބަގީޗާ. މިކަމަށް ރާއްޖޭގެ ރަށެއް ކަނޑައެޅިދާނެއެވެ. އެއް ތަނަކުން ދިވެހި ގިނަ ބާވަތްތަކުގެ/ އެކި ބޭނުންކުރާ ގަސްތައް ދައްކާދެވޭނެއެވެ.  ޝައުގުން ފުރޭފަދަ ގަސްއިންދާ ހައްދާ ބަލަހައްޓާ، އުނގަންނައިދޭ ބަގީޗާ ރަށްތަކެއްގެ ފައިދާ ޓުއަރިޒަމް އަށްވެސް ކުރާނެއެވެ.

ހިޔާލީ: ގުލްޝަން (ލިލީ އޮފް ދިވެލި)

މިހާރު މާބޮޑު މައުނަވީ ބޭނުމެއް ނުކޮށް ހުކުރުމިސކިތާ ޖެހިގެން އޮންނަ ގަސް ބަގީޗާގައި ރާއްޖޭގައި ހައްދާ މާމެލާމެލީގެ ގުލްޝަންއެއް ހެދުން.

މާލޭގެ ކޮންކްރިޓް ޖަންގަލީ ތެރޭ  ޝައުގުވެރި މާބަގީޗާ އެއް އިންދިއްޖެނަމަ ދަރިވަރުންނާ، ބަގީޗާއަށް ލޯބިކުރާ މީހުން އަދި ފަތުރުވެރިންނަށް ނުހަނު އުފަލާ މައުލޫމާތު ލިބެނޭ.

ހުލާސާ

ދިވެހި ރާއްޖެ ގުދުރަތުން ހެދިފައި ވަނީ އެކިރަށް އެކި ގޮތްގޮތައް ތަފާތު ގުދުރަތީ ނިޒާމުތަކެއް އެކުލެވިގެންނެވެ. ކުރިމަތި ވެފައިވާ ބަލިމަޑުކަމުގައި ރާއްޖޭގެ އިގްތިސޯދް  ދަނީ ހީނަރުވުމުންނެވެ.  

 އާންމުން އުޅޭ ރަށްރަށުގައި މިހާރުވެސް އެކި ބޭނުންތަކަށް އަހުލަވީ، އަދި ޖަމާއަތުގެ ދަނޑުވެރިކަން ކުރެއެވެ. މީގެ އިތުރުން މިލިއުމުގައި  ދިވެހި ބޮޓެނިކަލް ބަގީޗާ އެއްގެ ހިޔާލު ފާޅުކޮއްފައިވާނެއެވެ.

Leave a Comment

Your email address will not be published. Required fields are marked *