ދިވެހި ވެށި

    ފެތުރެމުންދާ ކޮރޮނާވައިރަހުން ކެކި އެރި އަރަގު ހިތި ފޮންޏެވެ. އަހަރުމެންނަށް ސާފުވެގެން ދިޔަ ހަގީގަތަކީ އުޅޭ މާހައުލާ ވަށައިގެންވާ ވެށިން ރައްކަލާ ނުރައްކާ ލިއްބާކަމެވެ. ނަހަމަ ގޮތުގައި ހިނގާ ކަންކަން ހަމަމަގަށް އަޅުވަން ހިތްވަރެއް ލިބުނެވެ. ރާއްޖޭގެ ވެށިން، އަހަރުމެންނަށް ދޭ ހިމާޔަތުގެ ބޭނުން ކުރަންވާނީ ފަރުވާވެތިބެ ބަލައިގެންނެވެ. ފިތުރަތުގެ ރީތި ނާޒުކު ވެށީގައި ދިވެހި ކާބަފައިން، ފެތުރި އުޅެފައިވަނީ، ވެށީގެ ފުރިހަމަ ނިޒާމުތަކަށް ވާގިދޭ ފުދުންތެރި ދިރިއުޅުމެކެވެ. ޓެކްނޮލޮޖީ އާއި ފްލާސްޓިކް އާއި ގެދަބުޅި ކާރުހާނާ ތަކާއި ކޮންކްރިޓް ދަށުލައިފައިވާ އަދުގެ ޖީލުތައް؛ މާޒީގެ ފަސްފަހަތައް އިޝްގުން ބަލަނީ އެ ވައްޓަފާޅީގައި ހުރި ހިތްގައިމު ސާދާ ގޮތަކުންނެވެ.

ބ.ދަރަވަންދޫ އެއާރޕޯޓް ހަދާ ބާކީ ކުނި އަތިރިމަތީގައި ވީރާނާވެ ގުދުރަތު ނުސާފު ވަނީ.

 “އަ ޕެޓަން ލެންގުއެޖް” ފޮތުގައި؛ އެކުލެވޭ އެކި ހިޔާލުތަކާއި ނަޒަރުތަކުގެ ވާހަކަ ދިވެހިބަހުން ދެއްކިދާނެތޯ ބެލުމަށް އެމް ސްޕޭސް ބްލޮގްގައި ލިޔެފައިވާ ލިޔުމުގެ ބައެއް.

    ޝައްކެއްނުވާ ގޮތުގައި ދިވެހީންނަކީ ފުން މާކަނޑުގެ ދަރީންނެވެ. ބިމުގައި ދިރިއުޅުނު ކޮންމެބައަކުހެން ޒަރޫރީ ފުއްދުންތެރިކަމަށް ދަނޑުވެރިކަން ކުރިހެން ދިވެހި ދަރިފަސްކޮޅު ބަލާ ބޮޑުކޮއްފައި ވަނީވެސް މަސްވެރި، ދަނޑުވެރި ފަންނުވެރި ކާބަފައިންނެވެ. އިރުއަރު ބެލި ކަންވެރީން ގެއްލި، ތަރައްގީ ގެނުވި ފަސޭހަ އީޖާދުގެ އަލިން ރަށްތަކުގެ ފަޅުކަން ފިލުވާލައި މުޅި ދުނިޔެއަށް ހާމަ ވެއްޖެއެވެ. ކޮންމެ ސަގާފަތަކީވެސް އާޒަމާނާއެކު ބަދަލުތަކެއް އަންނަ އެއްޗެކެވެ.

    ދިވެހިން އުޅެމުންދަނީ ދުނިޔޭގެ އެހެން ގިނަ ގައުމުތަކާ ފަރަގު ބޮޑު ޖަޒީރާ މާހައުލެއްގައެވެ. އަހަރުމެންގެ ވައްޓަފާޅިން އެ ތަފާތު ދައްކުވައެވެ. 

    ތިރީގައިވާ ފުރަތަމަ ފޮޓޯއިން ދައްކުވައިދެނީ އެއްފަސް ބިމެއްގައި އާބާދީ އާމުކޮށް އެތުރޭގޮތެވެ. ދެވަނަ ފޮޓޯއިން ފެންނަނީ އާންމު ހަމައަށް ބަލާ ރާއްޖޭގައި އާބާދީ ބެހިދާނެ ގޮތެކެވެ. އަދި މިހާރުވެސް މިގޮތައް އާބާދުވާން ފަށައިފައިވާ އަތޮޅުތައް  އެބަހުއްޓެވެ. (މައުލޫމާތާއި ފޮޓޯ ނަގާފައިވަނީ ދެޓް މޯލްޑިވްސް ބޮލޮގް ގައި   އިނގިރޭސިބަހުން ލިޔެފައިވާ ލިޔުންތަކުން.) 

އެންމެ އެތެރެއަށް އެވަނީ ސިޓީ ނުވަތަ އާރބަން ސަރަހައްދެވެ. ދެން ސަބާބަން އަދި ދުރަށް ރޫރަލް ވަރަށް ފަޅު ސަރަހައްދެވެ.  

އާރބަން: ސިޓީ ނުވަތަ މީހުން ގިނަ، ތަރައްގީވެފައިވާ ހިސާބެވެ. ހުރިހާ ހިދުމަތްތަކެއް އެކުލެވިފައިވާ މަސައްކަތްތެރީން އުޅޭ ތަހުޒީބާއި ތަމައްދުނުވެފައިވާ ހިސާބުގަނޑެވެ.

ސަބާރބަން/އަތޮޅުތެރެ: ސިޓީ ނުވަތަ އާރބަން ހިސާބަކައި ގުޅިފައިވާ މީހުން ދިރިއުޅޭ ސަރަހައްދެކެވެ. ނިސްބަތުން އިމާރާތްތައް ކުދި، ކާރޫބާރޫ މަދު ވާނެއެވެ. ކޮންމެވެސް ވަރަކަށް ރޭވި އިންތިޒާމު ކުރެވިފައިވާ އަވައްޓެރި ސަރަހައްދުތަކެވެ. ސިޓީ ފަދައިން ހުރިހާ ހިދުމަތްތަކެއް ކައިރިން ލިބުން ދަތި ވާނެއެވެ. އަސާސީ ހިދުމަތް މާދުރަށް ނުގޮސްވެސް ލިބެންހުރެއެވެ.  ނަމަވެސް ވަޒީފާއަށް، ހާއްސަ ކާބޯތަކެތި ގަތުމަށް، ޑޮކްޓަރަށް ދެއްކުމަށް، މަދަރުސާއަށް ދިއުމަށް ވަރަށް ދުރަށް، ސިޓީ އަށް ދާންޖެހިދާނެއެވެ.

ރޫރަލް/ރަށްފުށު: މި ހިސާބުތަކަކީ އެކަހެރި، މަދު މީސްކޮޅެއް އުޅޭ ބިންއޮތް ސަރަހައްދުތަކެވެ. އެއްގެ އަނެއް ގެއާވެސް ވަރަށް ދުރުވާނެއެވެ. އަސާސީ ހުރިހާ ހިދުމަތްތައް ލިބުން ދަތިވާނެއެވެ.

    ދިވެހިން އެތުރިފައިވަނީ އާދަޔާ ހިލާފަށެވެ. ދެޓް މޯލްޑިވްސް ބޮލޮގް ގައި ކޮއްފައިވާ ދިރާސާތަކެއްގައި ވަރަށް ފަސޭހައިން، ދިވެހިން ރަށްތަކަށް ފެތުރިފައިވާ ގޮތް އެނގިގެންދާނޭހެން ހާމަކޮށްފައިވެއެވެ. އެ ބްލޮގްގައިވާ ތަފާތު ހިސާބުތައް ނަގާފައިވަނީ 2014ގެ ބޯހިމެނުމުންނެވެ. އަދާހަމަކުރެވިފައިވާ 2017ގެ މައުލޫމާތުވެސް ސަރުކާރުގެ ވެބްސައިޓުން ފެންނާނެއެވެ.

    އާބާދީގެ %39.3 އުޅެމުންއަންނަނީ މާލޭގައިއެވެ. ދެން ބާކީ %60 މީހުން އުޅެމުންދަނީ 185 ވަރަކަށް ރަށަށާއި ރިސޯޓްފަހަރަށް ބެހިފައެވެ. ގިނަ ރަށްރަށުގެ އާބާދީ އަކީ 400-800 މީހުންނެވެ. ތަރައްގީ އާއި ތަހުޒީބަށް އޮތް މައި އުދަނގުލަކީވެސް ބޯ ހަމަ ނުވުމެވެ.

ޢެންމެ އާބާދީ ބޮޑު ރަށްތައް (އަދަދު)

ކ. މާލެ ( 157،935)

އައްޑު ސިޓީ (21275)

ސ. ހިތަދޫ (11129)

ޏ. ފުވައްމުލަކު (8510)

ހދ. ކުޅުދުއްފުށި (8440)

ގދ. ތިނަދޫ (5230)

ޅ. ނައިފަރު (4103

އެންމެ އާބާދީ ކުޑަ ރަށްތައް (އަދަދު)

ވ. ރަކީދޫ (106)

ބ. ފެހެންދޫ (107)

މ. ރަތްމަންދޫ (112)

ވ. ތިންދޫ (152)

އދ. ދިއްދޫ (153

ނ. ފޮއްދޫ (228)

ހއ. މުޅަދޫ (230)

   ރާއްޖޭގައި މީހުން ވަޒަންވެރިވެ އުޅެނީ ބިން ބޮޑު ރަށް ބަލައިގެންނެއް ނޫނެވެ. ދެޓްމޯލްޑިވްސް ބްލޮގްގައިވާ “މަގޭ ރަށް ކަލޭމެން ރަށަށް ވުރެ ބޮޑު” މި ނަމުގައި އިންގިރޭސިން ލިޔެފައިވާ ދިރާސާ ރިޕޯޓެއްގައިވާ ގްރާފަކުން ދައްކައިފައިވަނީ ދިވެހިން އުޅޭ ރަށްތަކުގެ ޖާގައިގެ ފަރަގެވެ.

އަހްމަދް ޒާހިދް- ޓްވިޓާރ

    މި ގުރާފުގެ ތިރީ ރޮނގުގައި ވަނީ ހެކްޓަރުން ބިމުގެ ޖާގައެވެ. މައްޗައް ދެމިފައި އޮތް ރޮނގަކީ މީހުން އުޅޭ ރަށްރަށުގެ އަދަދެވެ. ކޮންމެ ރަތް ގޮޅިއެއް ރަމަޒު ކުރަނީ މީހުން އުޅޭ ރަށެއް ނުވަތަ އެއާރފޯރޓް ރަށެވެކެވެ. މި ގުރާފުން ފެންނަހެން؛ ގިނަ ދިވެހިން ދިރިއުޅެނީ ބިން ކުދި؛ 10ހެކްޓަރާއި 130ހެކްޓަރ ވަރުވާ ރަށްރަށުގައެވެ. މާލެ ވަނީ 200 ހެކްޓަރު ވަރެވެ. އަދި އެބްލޮގްގައި؛ ހުރިހާ އަތޮޅެއްގައި މީހުން އުޅޭ ރަށްތަކުގެ ބިމުގެ ޖާގަ ތަސައްވަރު ކޮއްދިނުމައްޓަކައި ހަދާފައިވާ ޗާރޓަކުން ފެންނަގޮތުގައި އުތުރާއި ދެކުނުގެ އަތޮޅުތަކުގައި މީހުންއުޅޭ ރަށްތަކުގެ ބިން މެދު ރާއްޖޭގައި މީހުން ވަޒަނަވެރިވެފައިވާ ރަށްތަކަށްވުރެ މާބޮޑެވެ.

    އާބާދީގެ ސަބަބުން ފަރުދުންނަށް ލިބޭ ހައްގާއި އިނާޔަތްތަކުގައި ހަމަކަމެއްނުވެއެވެ. މީހުން އުޅޭ ރަށްތަކުގެ ބިން  އެރަށެއްގެ އަހުލުވެރިންނަށް ހަމަހަމައަށް ބައިއެޅިޖެނަމަ ދަނޑުބިމާއި ގޯތި އެންމެ މިންބޮޑުކޮށް ލިބޭނެ ރަށްރަށާއި އެންމެ ހާލު ބޮޑު ރަށްތައް ކިޔައިދީފައިވަނީ    “އެންމެ ކުޑަ މިނުން- މަގޭ ރަށުގަ ނޭވާލާނެ ޖާގަ އެބައޮތް” ކިޔާ ލިޔެފައިވާ ރިޕޯރޓެއްގައެވެ.

ބިން ބޮޑު ރަށް ( ކޮންމެމީހަކަށްލިބޭ ބިމުގެ ޖާގަ)

ހއ. މުޅަދޫ 5140މީޓަރު2

ހއ. ފިއްލަދޫ 4313މީޓަރު2

ގއ. ކޮންޑޭ 4302މީޓަރު2

ހއ. އުލިގަމު 2786މީޓަރު2

ހދ. ފިނޭ 2786މީޓަރު2

ބިން ކުޑަރަށް ( ކޮންމެމީހަކަށްލިބޭ ބިމުގެ ޖާގަ)

ކ. މާލެ 15މީޓަރު2

ކ. ވިލިނގިލި 46މީޓަރު2

ށ. ކޮމަންޑޫ  92މީޓަރު2

ކ. ގުރައިދޫ 120މީޓަރު2

ނ. ހޮޅުދޫ  122މީޓަރު2

     ރާއްޖޭގައި ގިނަ މީހުން އުޅެނީ އާރބަން ސަރަހައްދުތަކުގައިއެވެ. އާރބަން މިބަސް ދިވެހިން  މިހާރު ބޭނުންކުރެއެވެ. އެގޮތުން މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާރބަން ޑިވެލޮފްމެންޓް: މި ލިޔުން ލިޔަމުން ދިޔައިރު ވެބްސައިޓް ގައިވާ މުއައްސަސާއާ ބެހޭބައިގައިވާ އާންމު މައުލޫމާތު އިނގިރޭސި އަދި ދިވެހިބަހުން ވެސް ލިޔެވިފަކައި ނެތެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޑްގެ ވިޔަފާރިތަކުގެ ނަންތައް ބަލާލުމުން؛ އާރބަން- މިބަސް، މީހުން އުޅޭރަށްތަކުގެ ވިޔަފާރި/ހިދުމަތްދޭ 25 ވަރަކަން ނަމަށް ކިޔައެވެ. ކިޔާފައި ހުރި ނަންތަކުގެ ތެރޭގައި، އާރބަން:ސަޕްލައި، ހާރޑްވެއާރ، ރީޓެއިލް ސޮފް، ބްރެޑް މެޓާރސް، ސްޕޭސް، ލިންކް، ބީޗް މޯލްޑިވްސް އަދި އާރބަން ސްޓައިލް ކިޔާ ފިހާރައެއް، ޅ.ހިންނަވަރު ބޮޑުމަގުގައި ހުންނަ ކަމަށް ގޫގުލް މެޕުން ދައްކައެވެ. ހުރިހާ ނަމެއްވެސް ބޭނުންކޮއްފައި ހުރީ އިނގިރޭސި ބަހުންނެވެ.

އާރބަން  Urban

 ގިނަ އިނގިރޭސި ބަސްފޮތްތަކުގައި މިބަސް މާނަކޮއްފައިވަނީ: ސިޓީ ނުވަތަ އަވަށާ ގުޅުވައިގެން، ތަމައްދުނު، ސިޓީ ގެ ވެށި؛ މީހުންނާ ބިނާވެއްޓައި ހިމަނައިގެން، ސިޓީ ނުވަތަ އާރބަން ސަރަހައްދުތައް ރަށްފުށު ހިސާބުތަކާއި ދިރިއުޅުމުގެ ފެންވަރުން ބޮޑު ތަފާތެއް ހުނަނާނެއެވެ.

އާރބަން: ބަސް އައިސްފައިވަނީ ފަރަންސޭސި އަދި ލެޓިން ބަހުންނެވެ.

 ޢިރުބަން  Urbain

 ފަރަންސޭސި މިބަހުގެ މާނަ އަކީ: ސިޓީ އަކަށް ނިސްބަތްވާ މީހުން، ތަހުޒީބުވެ ޒަމާނާއި އެއްގޮތައް އުޅޭ މީހުން، ރަނގަޅު ރީތި ގޮތްތަކެއް އަށަގަތުން.

  އޫރބްސް  Urbs

މިއީ ލެޓިންބަހުން ބޮޑު ފާރެއް ވަށާ ލެވިފައިވާ ސިޓީ ނުވަތަ އަވަށަކަށް ބުނާ ލަފުޒެކެވެ.

 އޫރބެނަސް  Urbanus

ލެޓިން ބަހުން ސިޓީ އަކަށް ނިސްބަތްވާ މީހުންނަން މުހާތަބު ކުރަނީ މިލަފުޒުންނެވެ. ސިޓީގައި އުޅޭ ހިތްވާ މީހުންނަށް އިށާރާތްކޮށް،

ޒަމާނާއިއެކު ބަދަލުވެ ތަހުޒީބުވެފައިވާ ވަކި ކަހަލަ ސިފަތަކެއް މީހާގެ ވައްޓަފާޅީގައިއާއި ވާހަކަދެއްކުމުގައި ހުރުމެވެ.

 އާރބެއިން  Urbane

    މިއީ މިހާރުވެސް އިނގިރޭސިބަހުން ބޭނުންކުރާ ލަފުޒެކެވެ. މާނައަކީ ވަކި ކަހަލަ ސިފަތަކެއް މީހާގެ އުޅުމުގަ، ވާހަކަދެއްކުމުގައި ހުރުމެވެ. އެ ސިފަތަކުގެ ތެރޭގައި ހިމެނެނީ: ސާބިތުކަން، އަމިއްލަ ނަފްސައް ޔަގީންކަން ހުރުން، މުޖުތަމައުގައި އުޅޭއިރު މިޒާޖުގައި މަޑުމައިތިރިކަން ހުރުން. ދުނިޔެއަށް ލޯހުޅުވި ކަންކަމުގެ އަޖުމަ ބަލާފައިވާ ކަނޑައެޅިގެން އިނގިހުންނަ މީހުންނެވެ. އާންމުކޮށް މިލަފުޒުން މުހާތަބު ކުރަނީ ފިރިހެނުންނާއެވެ.

  އާރބަނައިޒޭޝަން  Urbanization

    ކުރިއަރަމުންދާ މާރކެޓްތަކުގެ ތެރެއިން މަތިވެރިކަމާއި ބޮޑުމިން ދައްކުވައިދޭ މާރކެޓްތަކަށް މިބަސް ބޭނުންކުރެވެއެވެ. އަދި، އޭގެ ސަބަބުން ސިޓީތައް ނުފޫޒުގަދަ ބާރަކަށް ބައިނަލްއަޤްވާމީ ހަރުފަތްތަކުގައިވުމެވެ. 

(މިއީ ދިވެހި ބްލޮގް ޕޯސްޓެއްގައި އާރބަނައިޒޭޝަން މާނަކުރެވިފައިވާ ގޮތް) 

ދިވެހި ބަހުން މި ލަފުޒުތަކުގެ މާނައާ ވައްތަރުމާނައެއް ދޭހަވާ ލަފުޒުތަކެއް މިވަނީއެވެ.

ތަމައްދުނު

ނ. ރަށެއް ނުވަތަ ޤައުމެއް ރަށްވެހިކަމުގެ ގޮތުން ކުރިއަރާ ކުރިއެރުން.

މަރުކާ

ނ. 1 ކުންފުންޏަކުން ނުވަތަ ކާރުޚާނާ އަކުން ވިޔަފާރީގެ ދާއިރާގައި ގެންގުޅޭ ޚާއްޞަ ނިޝާން މިސާލު: ވިޔަފާރި މަރުކާ. 2 ޚާއްޞަ ކަމެއް ފާހަގަކުރުމަށް ޓަކައި ބޭނުންކުރާ ނިޝާނެއް.

މިލަފުޒު ބޭނުން ކުރަނީ ކޮންމެވެސް ފެންވަރެއް ނުވަތަ މިންވަރެއް ދެއްކުމަށްޓަކައިއެވެ. އެގޮތުން މި ލަފުޒާ ގުޅުން ހުރި ބައެއްބަސް ހިމަނާލާނަމެވެ.

         މަރުކާވިނަ

ނ. 1 ޖަރުމަނު ވިނަ. 2 ނަންބަރު ވިނަ، މީގެ ރަތްކުލައާއި ފެހިކުލަ ހުރެއެވެ. ރަތްވިނަ، ފެހިވިނަ ކިޔަނީވެސް މި ވިނައަށެވެ.

          ބަރުމަރުކާ

ނ. އޮޑިދޯނިފަހަރު ބަރާކުރާނޭ މިންވަރު ފާހަގަކުރާން ސަރުކާރުގެ ފަރާތުން ޖަހައި އުޅުނު ނިޝާން

          ފެންމަރުކާ

ނ. 1 ކަރުދާސް އައްޔަށް ދިއްކުރުމުން، ފާޅުވާ ނިޝާން. 2 ފެންގަނޑު ނުވަތަ ލޮނުގަނޑު އުފުލި މައްޗަށް އަރާވަރު ދެނެގަތުމަށް ތަންތަނުގައި ޖަހާފައި ހުންނަ މިންގަނޑު. 3 ނޫޓު އައްޔަށް ދިއްކުރުމުން ފާޅުވާ ނިޝާން

ވެތި

އ. ކަމެއްގެ އަހުލުވެރި. މިސާލު: ލޮބުވެތި، އަޅުވެތި، ބިރުވެތި، ހަހަރުވެތި

ރަށްވެހިވުން

މ. 1 ރަށުގެ އަހުލުވެރިޔަކަށްވުން. 2 މަދަނިއްޔަތާއި ތަހުޒީބު ލިބިގެންވުން

މަރުކަޒު

ނ. 1 ކަމެއް ހިންގުމަށްޓަކައި، ނުވަތަ ކުރުމަށްޓަކައި ޤާއިމުކުރެވިފައި ހުންނަ ތަން. 2 އެކިއެކި ބޭނުމުގައި މީހުން އެއްވެ އުޅޭ ތަންތަން. 3 އެއްޗެއް ޤާއިމުވެ ހުންނަތަން

ބިނާވެށި

ކަމުގެ ފަންނީ މާހިރުން ފަރުމާކޮށް އެކިއެކި މަގްސަދައްޓަކައި ބިނާކުރާ ހިޔާވެހިތަކެވެ. 

އިނގިރޭސިބަހުން އޮތް އާރބަން ދިވެހިބަހަށް އެ ލަފުޒުގެ ވަށައިގެންވާ ފުރިހަމަ މާނަ ދޭހަކޮށްދޭން މިލިއުމުގައި ބޭނުންކުރާނީ މަރުކާރު އެވެ.

“މަރުކާރު” މި ބަސް “ސަރުކާރު” އާ ވަރަށް އެއްގޮތެވެ.

މިސާލު ޖުމްލަ:  ސިޓީއެއްގައި އުޅޭ މަރުކާރުވެހިންނާ ގުޅުންހުރި ހުރިހާ ސިޔާސަތުތަކާއި މަޝްރޫއުތައް ވިލަރެސްކުރުމުގައި ސަރުކާރަށް މަރުކާރުވެރިންވެސް ލަފާދޭންވާނެއެވެ.

މަރުކާރު: ބޭނުންކުރެވިދާނެ ގޮތްތަކެއް މިވަނީއެވެ.

Urbanist/specialist city plannerމަރުކާރުވެރީން

Urban building މަރުކާރު އިމާރާތް

Urbanized  މަރުކާރުވެތި

Urban landscape މަރުކާވެށި 

މަރުކާރުވެރިޔާ

Urban dweller  މަރުކާރުވެހިން

މަރުކާރުވުން

މަރުކާރު ކުރުން

Urban garden މަރުކާރު ބަގީޗާ                     މަރުކާރު ދަނޑުވެރީން

Urban life  މަރުކާރުވެރި ހަޔާތ

ހުލާސާ     

    މި ލިޔުމުގައި ވަޒަން ކޮއްލެވުނީ ދިވެހިން ރަށްތަކަށް ބެހިފައިވާ އުސޫލާ، އެހެން ގައުމުތަކާއި ހުރި ފަރަގެވެ. ބޭނުމަކަށް ވީ ޒަމާނަށް އައި ބަދަލާ އެއްކޮށް ހަޔާތައް އައި ބަދަލު ބަހުން އަމުނާ ދުނިޔެއާ ހުރި ގުޅުން,ހަނި ނަމަވެސް ބަޔާންކޮއްލުމެވެ.  

Leave a Comment

Your email address will not be published. Required fields are marked *