ރުވާ ވަރުގެ ގަސް (ރުވާސް) ކެއުމަށް އިންދާ ހައްދާނެ ގޮތް

މައިކްރޯގްރީންސް ނުވަތަ ކުދި ރުވާ ވަރުގެ ގަސް (ރުވާސް) މިއީ ސުފުރާ މަތީގެ ރަހައާއި ކުލަތައް ތިޔާގި ކޮއްލަން ވަރަށް ފުރިހަމަ ފަތްޕިލާވެލީގެ ބާވަތްތަކެކެވެ. ކޮންމެ މީހަކަށްވެސް، ކިތަންމެ ކުޑަ ޖާގައެއްގައިވެސް ހެއްދޭ، ހަށިގަނޑަށް ނުހަނު ފައިދާ ލިއްބާ ގުދުރަތީ ހަދިޔާއެކެވެ.


ރުވާސް ފަޅާ ކާ ވަރު ވާން ނަގަނީ 7-15 ވަރަކަށް ދުވެސްކޮޅެކެވެ. ހެދި ފޯދި ހަރުވެފައިވާ ތަރުކާރީ ފަތްޕިލާވެއްޔައްވުރެ މާގިނަ ފައިދާހުރި މާއްދާތައް އެކުލެވިފައިވާ، އެކިއެކި މައުދަން/އުންސުރު/ކެމިކަލް/ކޮންޕައުންޑް އަދި ހަކަތައިން ފުރިގެންވާ ކުދި ކުދި ސިއްހީ ބޮންތަކެކެވެ. ލިބޭ މާއްދާތަކުގެ ތެރޭގައި ހިމެނެނީ :ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓް، ޕޮލީފެނޮލްސް، ވިޓަމިންސް، މިނެރަލްސް އަދި ފައިބަރާއި ދުޅަހެޔޮކޮށް ހުރުމަށް ބޭނުންވާ އެހެން މާއްދާތަކެވެ. ރުވާސް މީ ރޯކޮށް، ސޭންޑްވިޗު، ސަޓަނި/ސެލެޑު، ނުވަތަ މިކުސްޗަރުން ފަނި ހަދައިގެންވެސް އަދި ކައްކާ ރިހަ، ބަތްޕެން، ބިސްގަނޑު، ބޯކިބާ، ޕިއްޒާއަށްވެސް އަޅާލެވޭނެ ފަތްޕިލާވެއްޔެކެވެ
ޕޮލީފެނޮލްސް
ޕޮލީފެނޮލްސް:އިރުން އަންނަ ރޭޑިއޭޝަންއުނުން ގަހުގެ ނާޒުކު ބައިތައް ރައްކާކުރުމަށާއި، ގަހަށް ދޯޅު އެހެނިހެން ދިރުމާއި ފަނިފަކުސާތައް ގަހާ ދުރުކުރުމަށް- ގަހުން އުފައްދާ ދިފާއީ އުންސުރު/ކެމިކަލް/ކޮންޕައުޑް ތަކެކެވެ. ގަހުގައި އަޅާ މޭވާ/ތަރުކާރީ/ފަތް/މާ/ހަންޑިކުޑަ/އޮށްއޮށުގައި އެކި ވަސްވަހާއި ދުލަށް ރަހަތައް ލައްވަނީވެސް ޕޮލީފެނޮލްސްއުންނެވެ. ގަހުގެ އެކިބައިގައި އެކި މިންވަރަށް އުފެދޭ މި އުންސުރު ތަކާކީ، ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި އިންސާނުންނާ ޖަނަވާރުން އެތަކެއް ބަލިތަކުން ދުރުހެލި ކުރާ، ހަމައެކަނި ގަހުން ލިބޭ ފަރުވާއެކެވެ.
ބޭނުންވާނެ ތަކެތި

އިންދާނީ ގަސްހައްދާ ހާއްސަ ވެލީގައި ނުވަތަ ކަޅުވެލީގަ ނުވަތަ ބޮންބިކުނޑީގަ ނުވަތަ މިދެބާވަތް އެއްކޮށްލައިގެންނެވެ. އަދި ރުވާސް ކުރުމަށް ހާއްސަ މެދުވެރިތައް ވެސް އުފައްދައިފާ ހުރެއެވެ.

ވަރަށް ރަނގަޅަށް ދޮވެ ސާފު ކޮއްފައިވާ ފުޅާ، ފަތާ، ތިލަ ތަބަށް/ކަންވާރު، ލޯވަޅު ހުއްޓަސް ނެތަސް ރަނގަޅުވާނެއެވެ. ލޯވަޅު ހުރި ތަބަށް ބޭނުންކުރާ ނަމަ ޓިޝޫ ބޭނުންވާނެއެވެ.
ތަރުކާރީ، ފަތްޕިލާވެލި، ހާވާދުގެބާވަތްތަކުގެ ތަފާތު ގިނަ އޮށް ބޭނުންކުރެވޭނެއެވެ.
މިސާލު: ކޮތަންބިރި، އޯބަތް، ދިރި، ރެވި، ދަވިއްގަނޑު، މަސްއާގު، ކީނުއާ، ލެޓިއުސް، ފެހިމުގު، ފެހި ޕީ އޮށް
ސަނާމުގު، ފްލެކްސް އޮށް، ކޮޕީ، ކެބެޖު، ޒުވާރި، ސަންފްލާވާރ، ޗިއާ އޮށް، ކުދީނާ، ގަނދަކޯޅި އަދިވެސް އެތައްބައިވަރު އޮށް ހިމެނެއެވެ.

ހައްދާ ގޮތް
އޮއްކޮޅު އެއްރޭ ކުރިއާލާ ފެނަށް އަޅައިފައިބަހައްޓާށެވެ.

1
އޮއްކޮޅު އިންދުމުގެ ކުރިން ރީތި ފެނުން ދޮވެލަން ވާނެއެވެ. (ކުނަ މެހި/ފޫ ޖެހުން ދުރުކުރުމަށް)
ހޯދައިފައި ހުރި ތަބަށް ތަކަށް ގާތްގަނޑަކަށް 2/1-1 އިންޗިއަށް ވެލި/ބޮންބި އަޅާލާ މަތި އޮމާން ކޮއްލާށެވެ. ލޯވަޅު ހުރި ތަބަކެއް ނަމަ ވެލި ނުފައިބާނޭހެން ފުލުގައި ޓިޝޫ އަޅާ، ކުޑަކޮށް ވެލިގަނޑު ތެއްމާލާށެވެ.


2
އޮށްތައް ވެލިގަނޑު މައްޗަށް ކައިރިކައިރިއަށް ބޮނޑިނުވާނޭހެން ބުރުއްސާލާށެވެ.
ކުޑަ ފަސްކޮޅެއް އޮށްތައް މައްޗަށް އެޅިއަސް ނޭޅިއަސް ރަނގަޅުވާނެއެވެ.

3
ފެންކޯރު ނުހެދޭނެހެން ސްޕްރޭ ފުޅިއަކުން ނުވަތަ އަތުން އޮށްތައް މައްޗަށް ފެންބުރުއްސާލާ ތެންމާލާށެވެ.

4
ތަބައްތަކުގެ މަތި ކޮތަޅު/މަތިގަނޑު ނުވަތަ ކަރުދާސް އަޅާ އަނދިރީގައި ބަހައްޓާށެވެ. މިގޮތައް އަނދިރިކުރަނީ އޮއްފަޅަނީ އަނދިރީގައި ކަމަށް ވާތީއެވެ. އޮށް ފަޅަން ދެން ކޮންމެދުވަހަކުވެސް ފެން ޖަހާ ވައި ހިނގާހެން ކޮންމެވެސް ވަރަކަށް ހުޅުވާލަންވާނެއެވެ. ފެން ޖަހާނީ ވެލިގަނޑު ތެމޭ ވަރަށެވެ.

5
މިގޮތަށް ބަހައްޓައިފައި ގައިގަނޑަކަށް 3-4 ދުވަސްވުމުން ހުންނާނީ އޮށްތަކުގައި މުލާއި ފަތްބައި ނިކުންނަން ފަށާފައިއެވެ.

6
އެޅި މަތިގަނޑު ނަގައި، ރަނގަޅަށް އަލިވާ، ވައި ދައުރުކުރާ ތަނެއްގައި ބަހައްޓާށެވެ. ސީދާ އިރުގެ ބާރުގަދަ އަލި އެޅޭނަމަ ރުވާސް މިލާ އަނދާފާނެއެވެ.
ލޯވަޅުއެޅި ތަބަށް ބޭނުންކުރާނަމަ ފެންދޭއިރު މި މަރުހަލައިގައި ރަނގަޅުވާނީ އަޑިން ފެންދިނުމެވެ. ބޮޑު ދޮލަނގެއްފަދަ ކަންވާރެއްގައި ކުދި ތަބަށްތައް އަތުރާލާ ފެން އަޅާނީ ބޮޑު ދޮލަނގަށެވެ. ކޮންމެދުވަހަކުވެސް ފެން ހުސްވާމިންވަރަށް ފެން އަޅަންވާނެއެވެ.
ލޯވަޅު ނެތް ތަބަށް ބޭނުންކުރާއިރު ފެންދިނުމުގައި ބަލަންވާނެއެވެ. މާޕްރެށަރުގައި ދީފިނަމަ ޅަފަތްތައް ހަލާކުވެދާނެއެވެ.


7
އިސާހިތަކު އޮށްތައް ފޯދި ފަތްފެހިވާން ފަށާނެއެވެ. ބޭނުންނަމަ ކުޑަ ގަހުކާނާ ކޮޅެއް މިމަރުހަލާގައި އެޅިދާނެއެވެ.

8
ރުވާސް 1-4 އިންޗިއަށް ބޮޑުވުމުން އެހެރީ ކާންވެފައެވެ.
ރުވާސް ކޮށާނީ ވެލިގަނޑުން މައްޗަށް 1 ސެންޓިމީޓަރު ބަހައްޓާފައި، ކަތުރެއް ނުވަތަ ވަޅި އަކުންނެވެ.

9
ކެނޑި ރުވާސް ތައް ރަނގަޅަށް ފެން ހިކުމުން ފަހަށް ބޭނުންކުރަން، އައިސްއަލަމާރިއެއްގައި ވައިބަންދުވާނޭފަދަ ކަންވާރަކަށް ލައިފައި ބެހެއްޓިދާނެއެވެ.

11
ސަމާލުވާންވީ ކަންކަން
ފޫ(މޯލްޑް) މިއީ ދިރޭތަކެތީގެ އެންމެ ކުދި މިންވަރު/ ބާވަތްތަކުގެ ދިރުމުގެ ތެރޭގައި ހިމެނޭ، ވަޔާ ވެލީގައި އުޅޭ ފަންގަސް ގެ ބާވަތެކެވެ. ކަޅުފޫ، ހުދުފޫ އަދި ބައެއްފަހަރު ރީންދޫފޫ ވެސް ރުވާސް ގައި ޖަހައެވެ. މޫ ކެހެރި(ރޫޓް ހެއާރ) އާ ފޫ ވަރަށް އެއްގޮތް ކަމަށް
ފެންނާނެއެވެ
މޫކެހެރިން ފޫ ވަކިކުރަން ނޭންގިއްޖެނަމަ ފެންއެޅާށެވެ. ފެން އެޅުމުން މޫ ކެހެރި ވަގުތުކޮޅަކަށް (ގަޑިއެއްހާއިރަށް) ގެއްލޭނެއެވެ. ފޫ ހުންނާނީ ގޮތެއްނުވެ ފެންނާށެވެ.
ރުވާސްގައި ފޫޖަހައިފިނަމަ ރޯކޮށް ކެއުމަށް ރައްކާތެރިއެއް ނޫނެވެ. އަވަހަށް އުކާލާށެވެ. ނަމަވެސް ކައްކައިގެން ކެވިދާނެއެވެ. އެކަމަކު ކެއްކުމުން ފައިދާހުރި ވަރަަށްގިނަ މާއްދާތައް ގެއްލެއެވެ.
ފޫ ޖެހުމުގެ އިތުރުން ތަބަކުގެ ތެރޭގައި ބައެއް އޮށް ފޯވެ ފީވާން ފަށައިފިނަމަ ކުދި ކުނަ މެހި ބުރާ، މެހި ބިސް އަޅާ، ރުވާސް ތަބަކުގައި ފުޅަ އަޅާފާނެއެވެ. ނުބައިވަސް ދުވަން ފަށައިފިނަމަ އަވަހަށް އެހެން ތަބައް ތަކާ ވަކިކޮށް އެއްލާލާށެވެ. އާންމުކޮށް ކުނަމެހި ބުރަނީވެސް ފުރަތަމަ މަރުހަލާގަ އޮއް ފަޅަން ފެށުމުގެ ކުރިންނެވެ
ފޫޖެހުން ހުއްޓުވުމަށް ކުރެވި ދާނެ ކަންކަން
ބޭނުންކުރާ ހުރިހާ އާލާތް ތަކެއް ރަނގަޅަށް ދޮވެސާފުކޮއްފައި މަސައްކަތް ފެއްޓުން ވަރަށް މުހިންމެވެ.
ވައިދައުރުވާނޭގޮތް މަގުފަހި ކުރުން މުހިންމެވެ. އެންމެފަސޭހައިން ފޫޖަހަނީ ރުވާސް ހެއްދުމުގެ ފުރަތަމަ މަރުހަލާގައި ތަބައްތައް ބަންދުކޮއްފައި ހުއްޓާއެވެ. އެހެންކަމުން މިމަރުހަލާގައިވެސް ކޮންމެ ދުވަހަކު ތިންހަތަރު ފަހަރު ތިރީހަކަށް މިނެޓަށް ތަބަކުގެ މަތިނަގާ ކައިރީގައި ފަންކާއެއް ބަހައްޓާ ވައި އެނބުރިދާނެއެވެ. އޭގެއިތުރަށްވެސް ތަބަކުގެ މަތީގައި އަޅައިފައިވާ މަތިގަނޑުގައި ލޯވަޅުއަޅާ މުޅީން ވައި ބަންދުނުކޮށް، ކޮންމެވެސް ވަރަކަށް ވައި ދައުރުކުރާހެން ބެހެއްޓޭނެއެވެ.
ފުރަތަމަ މަރުހަލާތަކުގައި ފެންކޯރުލާހެން ފެން ނޭޅުމެވެ
ފޫ މިއީ ގަދަ އަތްވަށް މަރުވާ އެއްޗެކެވެ. އެހެންކަމުން އޮށްތައް ފޯދުމުން އިރުގެ އަލީގެ ހަކަތަ ލިބޭނޭ އަލިގަދަ ތަނެއްގައި ބަހައްޓާށެވެ. ސީދާ އަވީގައިއެއް ނޫނެވެ.
އޮށްތައް އެކަށޭނެ ޖާގަ ނުދީ ބޮނޑިބޮނޑިއަށް މަތިމައްޗަށް ނޭޅުމެވެ.
ވައިގެ ތެއްކަން ދަށްކުރުމަށް ‘ޑީހިއުމިޑިފައެރ” އެއް ބޭނުންކުރެވި ދާނެއެވެ.
މީގެ އިތުރުން ފޫ ޖަހައިފިނަމަ ބޭނުންކުރުމަށް ތަފާތު ކެމިކަލް ބޭސް ތައް ބާޒާރުގައި ހުރެއެވެ.
ގަސް ހައްދާ އަޅާލާ ބެލެހެއްޓުމަކީ އިންސާނުންގެ ހިތައް އުފާވެރިކަން ގެނުވާ ހަރަކާތެކެވެ.