ކާބޯތަކެތި ކަމީރު/ރާމާ ކުރުން

ބެކްޓީރިއާ އޭ ބުނުމުން ސިފަވަނީ ބަލިފަތުރާ ޖަރާސީމެވެ. ވަކިން ހާއްސަކޮށް  ކޮވިޑް ފެތުރިފައިވާހިނދުގައެވެ. ވައިރަސް، ބެކްޓީރިއާ، ފަންގަސް އޭ ބުނުމުން ބިރު ހީވެ ސެނަޓައިޒް ފުޅި އާދިމައަށް އަތް ދިއްކޮލެވެއެވެ.   ނަމަވެސް ބެކްޓީރިއާގެ ތެރޭގައިވެސް ރަނގަޅު ބޭނުންތެރި ބަޔަކާއި ގެއްލުންތެރި ވައްތަރުތަކެއް އުޅެއެވެ. އަދި ކޮންމެ ޖަނަވާރެއްގައިވެސް އެމީހެއްގެ މާހައުލާއި އުޅުމާއި އުމުރާ ހެދި އެހައްޓެއްގައި އެކުލެވިފައިވާ މައިކްރޯއޮގަނިޒަމްގެ އަދަދާއި ވައްތަރުތައް ތަފާތެވެ. ހަށިގަނޑުގެ އެކި ގުނަވަންތަކުގައިވާ މައިކްރޯބް ޖަމާއަތްތައް ވަޒަންވެރި ވެ އާލާ ވެއެވެ.  ހަށިގަނޑާއި އެކުވެ އުޅޭ މި ލޮލަށް ނުފެންނަ ވަރުގެ ސޫފިތަކަށް ސައިންސްވެރިން ކިޔަނީ އިންސާނާގެ ބައޯމް އެވެ.  ހަޖަމުކުރުމުގެ ނިޒާމުގައި ވަރަށް ގިނަ އަދަދަށް މައިކްރޯބްސް އުޅެއެވެ. އެއޫޅޭ ރަނގަޅު ބެކްޓީރިއާއަކީ ހަޖަމުކުރުމަށް އެހީވެދީ، ހަށިގަނޑަށް ބޭނުންވާ ބައެއް ވިޓަމިންށް އުފައްދާދީ އަދި އެކި މާއްދާތައް އެބްޒޯބްކުރުމުގައި ވެސް ރޯލެއް ކުޅޭ އެއްޗެކެވެ. އެކަށޭނެ ވަރަކަށް ގޮހޮރުގައި ރަނގަޅު ފައިދާހުރި ބެކްޓީރ ނެތްނަމަ ނުބައި ގެއްލުންހުރި ވައްތަރު ގިނަވެ އުނދަގޫތަކާއި ބަލި ޖައްސައެވެ. ނުބައި ބެކްޓިރިއާ ނުވަތަ ޕެތޮޖެން އަކީ ޖަރާސީމޭ ބުނެވިދާނެއެވެ. މިބައި ގިނަވުމުން ދިފާއީ ނިޒާމު ބަލިވެ ގިނަ ބަލިތަކެއް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. ސިހްހީ މާހިރުންނާއި ސައިންސްވެރިންނާއި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކުގެ ތެރޭގައި މައިކްރޯބައޯމް އާއި ޕްރޯބައޮޓިކް އަކީ މިހާރު ވަރަށް މަގުބޫލު ކުރިއަރަމުންދާ އިލްމީ ދާއިރައެކެވެ.

Julian R. Marchesi. Computer illustration of the human microbiome showing the various different types of bacteria commonly found on human skin and the linings of organs. Gunilla Elam/Science Photo Library.

ކާބޯތަކެތީގެ ތެރޭން ގަސްގަހުން ލިބޭ ތާޒާ މޭވާ،ތަރުކާރީގައި އެތަކެތި އުފެދޭ ހިސާބުން ފެށިގެން ތަފާތުގިނަ ބެކްޓީރިއާއި ފަންގަސް(ޔީސްޓް) އޭގައި އަށަގަނަނަން ފަށައެވެ. ގަހުން ވެއްޓޭ ނުވަތަ ބިންނަ އިރަށް ހަލާކުވެ ކުނި ވުމުގެ މަރުހަލާތައް ހަލުވިވެ މޭވާގެ މުޅިޒާތް ބަދަލުކޮއްލައެވެ. މާހައުލާއި، ވަގުތާއި، އެކިއެކި ކެމިކަލްތައް މޭވާގެ ތެރޭގައި އުފެދި ބަދަލުވެ ގަރަގުވެ، މައިކްރޯއޮގަނިޒަމްތައް ފެތުރި، ފަނާ ކުރަނިވި ހަޔާތުގެ ޒިންމާ އަދާކުރެއެވެ.  ގެރި ބަކަރި މަސް، ކިރު ފަދަ ތަކެއްޗަކީ ވެސް ކާންވަންދެން ކުނިކޮށް މުޅަ ކުރާ ޖަރާސީމުން ރައްކާތެރިކުރަން ޖެހޭ ކާނާއެވެ.

ޖޭމު ކެއްކުން ނުވަތަ މޭވާ އާއި ތަރުކާރީ ބޯކުރުން، ގެށުން،  އަސާރާ އެޅުން، ރާހުތް އެޅުން، އަވި، ދުން، ފިނި ވައިގައި ހިއްކުން، ލޮނު އެޅުން، މިއީ ހައްތާހާވެސް ކާނާ އޭގެ ތާޒާ ނުވަތަ ތިޔާގި މޫސުމުގައި ލިބުމުން، ގިނަދުވަހަށް ހަލާކުނުވެ ރައްކާކުރުމަށް ގެންގުޅުނު، ހަރަދު ކުޑަ އީޖާދީ ކެއިންބުއިމުގެ އުކުޅުތަކެކެވެ. އައިސްއަލަމާރި އާއި ތައްޔާރީ، ދަޅު ކާނާ ނެތް ޒަމާންތަކުގައި، ރައްކާތެރިކޮށް އެވެއްޓަކުން ލިބޭ ތަކެތިން— އެ ސަގާފަތަކާއި ގުޅިފައިވާ މީރު ކާބޯތަކެތި ވަނީ އީޖާދުކޮށްފައެވެ. އެކިއެކި ބްރޭންޑް މަރުކާ ނަންނަމުގައި އާސާރީ ގަދީމީ ސަގާފީ ކާނާ މިހާރު މިވަނީ ދުނިޔެއަށް ފެތުރިފައެވެ. އެގޮތުން މި ލިޔުމުގައި ފާހަކޮށްލާނީ ސައިންސްއާއި، މައިކްރޮސްކޯޕިކް ދުނިޔެއަށް އިންސާނުން ލޯ ނުހުޅުވެނީސް،އޮޅުމަކުން ނަމަވެސް ސައިންޓިފިކް އުސޫލުތަކަކަށް ތަބާވެ ހަދާފައިވާ ކާބޯތަކެތީގެ ވައްތަރުތަކަށެވެ.

ބަނަސް ފިހުން، ޔޯގަޓް، ޗީޒް،ބަނގުރަލުގެ ބުއިންތައް، ބައެއް ސައި، ކޮފީ، ޗޮކުލެޓް، ޕިކްލްސް، ކޮންބޫޗާ، ކެފިރް،ޓެންޕެ، ސޮއީސޯސް، ކިމްޗީ، ސައޮކްރެޓް ފަދަ ރާމާ ނުވަތަ ކަމީރު ކުރާ ކާނާ އަކީ ކޮންމެވެސް މައިކްރޮއޯގަނިޒަމް އެއް މެދުވެރިވެ ރަހައާއި، ވަހަށާއި، ކާނާގެ އުންސުރު ވެސް ބަދަލު ގެންނަ ޕްރޮސެސްތަކަކުން އުފައްދާފައިވާ ކާބޯތަކެތީގެ ބާވަތްތަކެކެވެ. ކަމީރު ކުރުން ހިމެނެނީ އިންސާނުން ކުރިއަރައި ހަލޯރާތްތައް ލާފުރާފުރިހަމަވުމަށް މުހިއްމު ރޯލެއް ކުޅުނު ކޭންބުއިމުގެ އާދަކާދަތަކެއް ކަމަށެވެ.

Ancient Chinese wine storage vessels and a traditional Korean soy sauce fermenting vessel

އިންސާނުންގެ ލާބަ މަންފާއަށް، މައިކްރޯއޮގަނިޒަމްގެ ބާވަތްތަކުގެ ބޭނުންކުރުން ފަހި ވެފައި އޮތީ ހަމައެކަނި ކޭންބުއިމުގެ ރޮންގުންނެއް ނޫނެވެ.  ފުޅާކޮށް ޑަކްޓަރީ ބޭސް ތައްޔާރުކުރުމަށް، ނަރުދަމާގެ ނިޒާމުތަކުގައި ވިހަގަދަ ނަޖިސް ރައްކާތެރިކޮށް ބޭރުކުރުމަށް،އަދި ފަހަކަށް އައިސް ކަނޑަށް ނުވަތަ ފެންކޯރުތަކަށް ކަޅުތެޔޮ، ޑީސަލް އެޅުމުން އެ ތެޔޮ ފަށަލަ ސާފުކުރުމަށްވެސް ބެކްޓީރިއާގެ އެހީ ހޯދައެވެ.

ރާމާކުރުން، ކަމީރު ކުރުން ނުވަތަ ފާރމެންޓޭށަން އަކީ ވަރަށް އާސާރީ މަސައްކަތެކެވެ.  ބުނެވޭ ގޮތުގައި ގަދީމީ ދުނިޔޭގައި ކާނާ ރާމާ ކުރަން ފެށުނީ ނޭންގުމެއްގެ ތެރޭންނެވެ. މޭވާ-ފެން-މާމުއި ކޮންމެވެސް ސަބަބެއް މެދުވެރިވެ އެއްވާނެ ފުރުސަތެއްލިބި ވައިގައި ވިއްސި ވިހާލި ވެ، މޭވާގައި އެކުލެވިފައިވާ ބެކްޓީރިއާ އާއި ޔީސްޓް އޭގެ ތެރެއަށް އެޅި، ކޮންމެވެސް ބަދަލުތަކެއް ބަލަންތިބި ބަޔަކަށް ފެނި، ރަހަބަލާ ނޭދެވޭ އަސަރެއް ނުކުރުމުން، ކަމުގޮސްގެންނެވެ. އަދި އިންސާނުންގެ ތަބީއަތަކީ ބަލާ ހޯދުންކަމުން،ދިރާސާކޮށް ރެސިޕީތަކަށް އުނިއިތުރު ގެންނަން ފަށާ އެއްބަޔަކު އަނެއްބަޔަކާ މިވާހަކަ ހިއްސާކޮށް ރާމާކުރުމުގެ ސަގާފަތް ފެތުރިއެވެ.

ރާމާވުމަކީ މާހައުލުގައި އެކުލެވޭ ނުވަތަ އެކަށީގެންވާ މައިކްރޯއޯގަނިޒަމް އެއް ކާބޯއެއްޗަކާއި އެއްކޮށްގެން، ވައި(އޮކްސިޖަން)  ބަންދުކޮށްގެންނާއި ނުކޮށް، ކާނާގައި ހުންނަ ހަކުރު (ކާބޯހައިޓްރޭޓް)ތައް މިބުނެވުނު މައިކްރޯއޮގަނިޒަމް(ބެކްޓީރިއާ، ޔީސްޓް، މޯލްޑް) ބޭނުންކޮށް  ރަލާއި، ކާބަންޑައިއޮކްސައިޑް އާއި ތަފާތު އޯރގެނިކް އެސިޑް އަށް ބަދަލުވުމެވެ.  

 

ކާބޯތަކެތި ރާމާކޮށްގެން ބޭނުންކުރާ މުހިއްމު ސަބަބުތަކަކީ:

އިސްރާފު ކުރުން މަދުކުރުމަށް.

ބޯފެނުގެ ރައްކާތެރިކަން ޔަގީންކުރުމަށް. 

ކާނާގެ ތިޔާގިކަމާއި، ރަހަތައް އިތުރުކުރުމަށާއި އަދި ޓެކަސްޗާރ އަށް ބަދަލު ގެނައުމަށް.

ހުތްކޮއްގެންނާއި، ރާކޮށްގެންނާއި، ލެކްޓިކް އެސިޑް އިތުރުކޮށް ނުވަތަ އަލްކަލެއިން ވެއްޓެއް ކާބޯތަކެއްޗައް ގާއިމް ކޮއްދީ، ވަކި ކަހަލަ މައިކްރޯއޮގަނިޒަމް އެއް ދިރުވާ، ކާނާގައި ކުނިވެ މުޅަ ކުރާ ޒާތުގެ މައިކްރޯއޮގަނިޒަމް މަތަ ކޮއްގެން، ކާނާ ހަލާކުވުމުން ދުރު ކުރުން.

ރާމާކުރެވޭ ކާނާ، އޭގެ އަސްލުޒާތުގައި އެކުލެވޭ މާއްދާ ތަކުގެ އިތުރު އެތައްގިނަގުނަ ފައިދާ ހުރި ކެމިކަލްތަކެއް ރާމާވުމުން އުފެދުން.

ކެއްކުމުގައި ނަގާ ވަގުތު އަޅާ ކިޔާނަމަ ރާމާކޮއްފައިހުންނަ ތަކެތި ކެއްކުމަށް ނަގާވަގުތު ކުޑަވުން.

ރާމާކުރެވިފައިވާ ކާތަކެތި އެއީ ކޮންމެވެސް މައިކްރޯއޮގަނިޒަމްތަކެއް ބޭނުންކޮށް ހަޖަމު ކޮއްފައިވާ އެއްޗަކަށް ވުމުން، މިފަދަ ކާނާ ކެއުމުން ހަޖަމުކުރުމުގައި އިން  ސާނާގެ ހަށިގަނޑުން ކުރަންޖެހޭ މަސައްކަތް ކުޑަވުން.

ޕްރޯބައޮޓިކް ކާނާ ކެއުމުން ރަނގަޅު މައިކްރޯއޮގަނިޒަމްސް އިންސާނާގެ ހަށިގަނޑުގައި ގިނަވެ، ހަޖަމުގެ ނިޒާމަށް އެހީވުން.

މިފަދަ ކާބޯތަކެތީގައި ހަކުރާއި ކެފެއިން މަދުވޭ.

ރާމާ ކުރެވިފައިވާ ބޯތަކެތީގައި އިތުރު ގޭހެއް ބޭނުންނުކޮށް ގުދުރަތީ “ފިޒީ” ކަމެއް ނުވަތަ ފޮނު އަރުވާ ބުއިމަކަށް ވުން.

Leave a Comment

Your email address will not be published. Required fields are marked *